ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ބޮޑު ކޮންގްރެސް މިއަދު މާލޭގެ ސޯޝަލް ސެންޓަރުގައި ފަށައިފިއެވެ. މި ކޮންގްރެސް ރަސްމީކޮށް ފައްޓަވައިދެއްވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޕާޓީގެ މެންބަރުން އަބަދުވެސް ޕާޓީގެ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރަންވާނެ ކަމަށާއި، މަސައްކަތްތަކުގެ މައިގަނޑު އަސާސަކަށް ހަދަންވާނީ ގައުމު އިސްކުރުމުގެ އުސޫލު ކަމަށެވެ.
މި ކޮންގްރެސްގެ ތެރެއިން ޕާޓީގެ ލީޑާޝިޕްގެ 12 މަގާމަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ނައިބު ރައީސްކަމުގެ 6 މަގާމު ހިމެނޭއިރު، އެ މަގާމުތަކަށް 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންގްރެސް ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ބާއްވާ މި މައި ކޮންގްރެސް އަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ. މި ކޮންގްރެސްގައި ޕާޓީގެ ކައުންސިލް މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި، ވަޒީރުންގެ އިތުރުން ވަޒީރުންގެ ފެންވަރުގައި އައްޔަންކުރައްވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
މީގެ އިތުރުން އެކި ރަށްރަށުގެ ޒުވާނުންނާއި އަންހެނުންގެ ހަރަކާތްތަކުގެ އިސްވެރިންނާއި، ސްޓިއަރިންގ ކޮމިޓީތަކުގެ ވެރިންނާއި ކަމާބެހޭ ކޮމިޓީތަކުން ކަނޑައަޅާ މެންބަރުން ވެސް މި ކޮންގްރެސްގައި ބައިވެރިވެއެވެ. އަދި އަސާސީ ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން، ޕާޓީގެ ކައުންސިލާ މަޝްވަރާކުރެއްވުމަށްފަހު ޕާޓީގެ ރައީސް އިތުރަށް ކަނޑައަޅުއްވާ މެންބަރުންނަށްވެސް މައި ކައުންސިލްގައި ބައިވެރިވެވޭނެއެވެ. މި މެންބަރުންނަކީ އިންތިޚާބުކުރެވޭ މަގާމުތަކެއް ނޫން ކަމަށާއި އެއީ އައްޔަންކުރެވޭ މަގާމުތަކެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.



