ރަސްމީ ދަތުރުފުޅެއްގައި ރޭ ރާއްޖެ ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
މި ރަސްމިއްޔާތުގައި މެލޭޝިއާގެ ބޮޑުވަޒީރަށް އޮނަރ ގާޑެއް އަރުވާފައިވާއިރު، ސްކޫލް ދަރިވަރުން ވަނީ ސަގާފީ ހަރަކާތެއް ހުށަހަޅައިދީފައެވެ. މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސް މުޢިއްޒާއި ބޮޑުވަޒީރު އަންވަރު އެކުގައި ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު، ރަސްމީ މަޝްވަރާތައް ފެއްޓެވުމުގެ ކުރިން ބޮޑުވަޒީރު އަންވަރު ވަނީ އެ އޮފީހުގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން މުހިންމު ދާއިރާތަކުން ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒާއި ބޮޑުވަޒީރު އަންވަރު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޚާރިޖީ ވަޒީރު ޑރ. އިރުތިޝާމް އާދަމް، މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ކުރިއަށް މިދަނީ ރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރޭ މުހިންމު މުނާސަބަތާ ދިމާކޮށެވެ.



