ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސް މިހާރު އެ ޤައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ރައީސް މުޢިއްޒު ވަނީ ޕާކިސްތާނުން އެމަނިކުފާނަށާއި ވަފުދަށް އަދާކުރި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ދެ ޤައުމަށް ވެސް ފައިދާވާނެހެން އެކި ދާއިރާތަކުން ގުޅުން ވަރުގަދަކުރުމަށް ރާއްޖެއިން އެދޭކަން ހާމަކުރައްވާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ވަނީ އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ފަރާތްޕުޅުން ރައީސް މުޢިއްޒަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ވިޔަފާރި، އިންވެސްޓްމަންޓް، ތަޢުލީމު، މޫސުމީ ބަދަލުތައް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މީގެ އިތުރުން، މި ދަތުރުފުޅާ ދިމާކޮށް ބާއްވާ ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވެގެންދާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް އޮކްޓޫބަރު 20 އިން 22 އަށް ކުރައްވާ ދަތުރުފުޅެކެވެ.



