ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (އައިއައިޔޫއައި) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވި އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަރުޙަބާ ކިޔައި، އެކަމަށް ތަޢުރީފުކޮށްފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ޤައުމީ ތަރައްޤީއަށާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރެއްވުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަތުމުގެ ހެއްކެއް ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ވެރިކަން ހިންގުމުގެ ނިޒާމު އިޞްލާޙުކުރުމަށް އެމަނިކުފާނު އަޅުއްވާ ފިޔަވަޅުތަކަކީ މުޅި ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް ކަމުގައި ފާހަގަކޮށް، ރައީސަށް އެ ޕާޓީން ވަނީ ތަހުނިޔާ އަރިސްކޮށްފައެވެ.
މީގެ އިތުރުން، ޕީއެންސީގެ ބަޔާނުގައި ވަނީ ރައީސް މުޢިއްޒު ގެންގުޅުއްވާ ހަމަހަމަ އަދި ޤައުމީ މަޞްލަޙަތު އިސްކުރާ ޚާރިޖީ ސިޔާސަތުގެ ސަބަބުން، އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ބުނެފައެވެ. ވަކިން ޚާއްޞަކޮށް، އިސްލާމީ ދުނިޔޭގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އޮތް ޕާކިސްތާނާއެކު ގުޅުން ވަރުގަދަކުރުމަކީ ރާއްޖެއަށް ލިބޭ ބޮޑު ފައިދާއެއް ކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.
ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި ސޮއިކުރުމަކީ ވެސް ދެ ޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންގޮސްދިން މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފައިވެއެވެ.



