ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު ކުރެވޭ އަހަރީ ވިޔަފާރީގެ މިންވަރު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ އިސް ވެރިން ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު އިސްލާމްއާބާދުގައި ދެއްވި ގުޅިފައިވާ ޕްރެސް ބްރީފިންގއެއްގައި ބޮޑުވަޒީރު ޝަރީފް ވިދާޅުވީ، މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރެވޭ އަހަރީ 13.9 މިލިއަން ޑޮލަރުގެ ވިޔަފާރިއަކީ ދެ ޤައުމުގެ އިޤްތިޞާދީ ޤާބިލުކަމާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އެހެންކަމުން، އިޤްތިޞާދީ ގުޅުންތައް ފުޅާކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އާ ފުރުޞަތުތައް ހޯދުމަށް ދެ ސަރުކާރުން ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވިޔަފާރި، ދިފާޢު، ޞިއްޙަތު އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހިމެނޭހެން މުހިންމު 20 ދާއިރާއަކުން ފަހުމުނާމާ (އެމްއޯޔޫ) ތަކުގައި ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި މާލެއާއި އަތޮޅުތަކުގައި ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމަށް ޕާކިސްތާނުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޕާކިސްތާނުގެ ޔުނިވަރސިޓީތަކުގައި މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. ބޮޑުވަޒީރު ޝަރީފް ވިދާޅުވީ މި އެއްބަސްވުންތަކުގެ ޢަމަލީ ނަތީޖާ ފެންނަކަން ކަށަވަރުކުރުމަށް އެމަނިކުފާނު އަމިއްލަފުޅަށް އެކަންކަން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.
މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދެ ޤައުމުގެ ވިސްނުން އެއްގޮތްކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ބޮޑުވަޒީރު ޝަރީފް ތަޢުރީފު ކުރެއްވިއެވެ. އަދި އދ. ގެ ޤަރާރުތަކާ އެއްގޮތަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ޕާކިސްތާނުން ތާއީދުކުރާކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
މިއީ ވޭތުވެދިޔަ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ ވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2015 ގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނެވެ. މި ދަތުރުފުޅު ދިމާވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ އެވެ.



