ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގައި 35 “އީ-ގޭޓް” ބަހައްޓައި، ދިވެހިންގެ އިތުރުން ފަތުރުވެރިންނަށް ވެސް އޮޓޮމޭޓެޑްކޮށް އިމިގްރޭޝަން ކްލިއަރެންސްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މީގެ ކުރިން ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްފައި އޮތް މި ނިޒާމު ފުޅާކުރުމުގެ ގޮތުން، އާ ޓާމިނަލްގެ އެތެރެވާ ބައިގައި 20 އީ-ގޭޓް އަދި ފުރާ ބައިގައި 15 އީ-ގޭޓް ވަނީ ގާއިމުކޮށްފައެވެ. މިއާއެކު ދެކުނު އޭޝިއާ ސަރަހައްދުގައި ފަތުރުވެރިންނަށް މިފަދަ ފުޅާ ދާއިރާއެއްގައި އޮޓޮމޭޓެޑް އިމިގްރޭޝަން ކްލިއަރެންސް ތައާރަފުކުރި ފުރަތަމަ ގައުމަކަށް ރާއްޖެ ވަނީ ވެފައެވެ. ފުރަތަމަ މަރުހަލާގައި މި ހިދުމަތް ލިބެނީ ކަނޑައެޅިފައިވާ 46 ގައުމެއްގެ ޕާސްޕޯޓު އޮންނަ މީހުންނާއި މި ނިޒާމާ ގުޅިފައިވާ 31 އެއާލައިނެއްގެ ދަތުރުވެރިންނަށެވެ.
މި އީ-ގޭޓްތަކުގައި ބޭނުންކުރަނީ މޫނާއި ލޮލުގެ ކަޅީގެ ސިފަތައް ދެނެގަންނަ ބަޔޯމެޓްރިކް ވެރިފިކޭޝަން ޓެކްނޮލޮޖީއެވެ. އިލެކްޓްރޯނިކް ޕާސްޕޯޓުގެ މައުލޫމާތާ އަޅާކިޔައި، އެންމެ 6 ނުވަތަ 7 ސިކުންތުގެ ތެރޭގައި ކޮންމެ ފަސިންޖަރެއްގެ ވެސް ކްލިއަރެންސް ނިންމާލެވޭނެއެވެ. އަދި ޕާސްޕޯޓުގެ އަސްލު ދެނެގަނެ، އޮޅުވާލައިގެން އެތެރެވުން ހުއްޓުވުމަށް “ޕެސިވް އޮތެންޓިކޭޝަން” އާއި “އެކްޓިވް އޮތެންޓިކޭޝަން” ސެކިއުރިޓީ ފިޔަވަޅުތައް މި ނިޒާމުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، އޮޓޮމޭޓެޑް “އީ-ވިސާ” ގެ ހިދުމަތް ވެސް ވަނީ ފަށާފައެވެ. އެގޮތުން “އިމުގާ” ޕޯޓަލް މެދުވެރިކޮށް ޓްރެވެލާ ޑެކްލަރޭޝަން ފުރިހަމަކުރާއިރު ދޭ އީމެއިލަށް ވިސާގެ ތަފްސީލު ލިބޭނެ ކަމަށާއި، ރާއްޖެއިން ފުރުމުން އަމިއްލައަށް އެ ވިސާ ބާތިލުވާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި ބަދަލުތަކުގެ ސަބަބުން ކިއޫތައް ކުޑަވެ، ފަސިންޖަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.



