ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށަ ކަނޑައަޅައިފިއެވެ.
އެގޮތުން އެޕާޓީން ބުނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޕީ.ޕީ.އެމް/ޕީއެން.ސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޖޮއިންޓް ކައުންސިލުން ނިންމާ، ރައީސް ޔާމީން އެކަން ގަބޫލުފުޅު ކުރައްވައިފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްއެންޕީގެ ލީޑަރު ނާޒިމް ހިމެނެއެވެ.
ވެރިކަން ކުރާ އެމްޑީޕީން އަދި ރިޔާސީ ކެންޑިޑޭޓު އިއުލާންކޮށްފައި ނުވާއިރު ރައީސް ސާލިހު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.



