މާލޭ މަސްމާރުކޭޓުގެ މަތީ ފަންގިފިލާގައި މަސްތުވާތަކެތި ބޭނުން ކުރަމުން ދާތީ އެ ތަން ބަންދުކުރަން މިއަދު މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ، މިގޮތަށް ނިންމާފައިވަނީ ޕޮލިސް ކޮންސްޓިބިއުލަރީ އާއި ޑްރަގް އެންފޯސްމަންޓް ޔުނިޓްއާ ގުޅިގެން ކަމަށެވެ.
އަދި އެ ތަން ބަންދުކޮށްފައިވަނީ މަތީ ބައި ފެންސުކޮށް ނިމެންދެކަށް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ. މަސް މާރުކޭޓު މަތި ބަންދުކޮަށްފައިވަނީ ޕޮލިސް ކޮންސްޓިބިއުލަރީ އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މާލެ ސިޓީ ކައުންސިލުގެ ބައެއް ކައުންސިލަރުން އެ ތަނަށް ދިއުމަށް ފަހު އެވެ.
މަސް މާރުކޭޓު މަތީ ބައި އޮންނަނީ އެކި ވިޔަފާރިތައް ކުރަން އަމިއްލަ އެކި ފަރާތްތަކަށް ކުއްޔަށް ދީފަ އެވެ. މިއަދު ބަންދުކުރީ މަތީގައި ހިމެނޭ އޭގެ އެއް ބައެކެވެ
އެތަނުގައި ބަޔަކު މަސްތުވާތަކެތި ބޭނުން ކުރަމުންދާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.



