ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑޡި އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާކޮށްފައިވާ އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ ޝަރީއަތް މިއަދު ފަށަން ތާވަލުކޮށްފިއެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ އަލަމްގިރި އާއެކު ނާޒިމް ސައްތާރު މި އަމަލު ހިންގަމުންދާ ވީޑިއޯއެއް ލީކުވެ ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލީ ނިމުނު އޮގަސްޓްމަހުގައެވެ.
ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލާގެ ޝަރީއަތުގެ ސިއްރު އަޑުއެހުން އޮންނަނީ މިއަދު 13:30 ގައެވެ.
މި މައްސަލާގައި އަމިއްލަ އިއުތިރާފުން ކުށް ސާބިތުވެ އެމްޑީ އަލަމްގިރިއަށް ވަނީ 7 މަހާއި 7 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ކްރިމިނަލް ކޯޓުން އަލަމްގިރިއަށް އިއްވީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.
އަލަމްގިރީ ތަހުގީގަށް ދީފައިވާ ބަޔާން ސޯޝަލްމީޑިއާގައި ލީކުވެފައިވާއިރު އޭނާ ވަނީ ނާޒިމް ސައްތާރު ބުނެގެން ކެނެރީގެ ކަމަށް ބެލެވޭ ގެއަކަށްވެސް ދިޔަ ކަމަށް ބުނެފައެވެ.
އެއްޖިންސުން ގުޅުން ހިންގާ ތަފާތު މައްސަލަތަކާއި ގުޅިގެން ގިނަ ބަޔަކު ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ. އެގޮތުން މިމަހުގެ 6 ވަނަ ދުވަހު އަދި 8 ވަނަ ދުވަހުވެސް މިމައްސަލަތަކާ ގުޅިގެން 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.



