ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން ބޮޑުތިލަދުންމައްޗަށް ވަޑައިގަންވަނީ ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ ރައްޔިތުންނަށް އުއްމީދެއް ދެއްވުމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މި އަނިޔާވެރި ސްލޯ ސަރުކާރުން ރައްޔިތުންނަށް އިހުމާލުވެފައިވާ މިންވަރު ބައްލަވާލައްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ގާތުން އަޑުއަހާ ރައްޔިތުންނަށް އުއްމީދު ދެއްވުމަށް ކަމަށެވެ.
އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ވަޑައިގަތަސް ރައްޔިތުން އެމަނިކުފާނަށް ތާއީދު ނުކުރައްވާނެ ކަމަށް ބުނެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ފާޑުކިޔާތީއެވެ.
ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 12 އިން 15 އަށެވެ.
ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެމަނިކުފާނުގެ މިދަތުރުފުޅު ވަނީ ފަސްކޮށްފައެވެ. ޕީޕީއެމުން ބުނެފައިވަނީ މޫސުން ރަނގަޅުވެއްޖެނަމަ ހޮނިހިރު ދުވަހު ރައީސް ޔާމީން ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޕީޕީއެމުން ބުނީ ރައީސްގެ މިދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ ކަމަށެވެ.
ހއ. އަތޮޅަކީ ރައީސް ޔާމީންގެ ޒައާމަތުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ އަތޮޅެކެވެ. އެގޮތުން ހއ. އިހަވަންދޫގައި 14 ޕްރޮޖެކްޓް ، ކެލާގައި 16 ޕްރޮޖެކްޓް، ދިއްދޫގައި 27 ޕްރޮޖެކްޓް، ބާރަށުގައި 17 ޕްރޮޖެކްޓް، ތުރާކުނުގައި 15 ޕްރޮޖެކްޓް ހިންގާފައިވެއެވެ.
މީގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމަވާފައިވާ އަދި މިސަރުކާރު ވެރިކަމަށް އައި އިރު ހިނގަމުންދާ ޕްރޮޖެކްޓްތަކެވެ



