މަސްކިރުމަށްފަހު މަސްވެރިންނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދިނުމުން ގިނަ އަދަދެއްގެ މަސްވެރިން މާންދޫ ފިޝަރީޒް ކައިރީ މުޒާހަރާ ކުރަން ފަށައިފި އެވެ.
ހިރާސް އޮންލައިންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮރައިޒަން ފިޝަރީސް ޕްރއިވެޓް ލިމިޓެޑުން ދަށުން ހިންގަމުންދާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް 22 މިލިޔަނާއި ގާތްކުރާ އަދަދަކަށް ފައިސާ ދޭންޖެހޭ އެވެ. އަދި މި ފައިސާ ހޯދުމަށް ލ އަދި ތ. އަތޮޅުން ޖުމްލަ 25 ދޯންޏެއް ދަނީ އެ ސަރަހައްދުގައި މުޒާހަރާކޮށް ޝުއޫރުފާޅުކުރަމުންނެވެ.
ލ. މާމެންދޫގެ ކައުންސިލް މެމްބަރު އިބްރާހިމް ރަމީޒު ވިދާޅުވިގޮތުގައި އެ ރަށުގައި މަސްވެރިކަން ކުރަން އުޅޭ 6 ދޯނީގެ ތެރެއިން 4 ދޯންޏެއްވަނީ މުޒާހަރާގައި ބައިވެރިވެފަ އެވެ. އިބްރާހިމް ރަމީޒުވަނީ މަސްދޯނިތަކަށް މާންދޫއިން ދޭންޖެހޭ ތިން ހަތަރު މަހުގެ ބިލް ޕެންޑިންގަ އޮތްކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ ސަބަބުން މަސްވެރިންގެ އާއިލާތައް ނިކަމެތިވެ ޒަރޫރީ ބޭނުންތައްވެސް ފުއްދޭނެ ގޮތެއްނެތްކަމަށް ވަނީ ވިދާޅުވެފަ އެވެ.
” އަޅުގަނޑުގެ ހަޔާތުގައި ވެސް ނާދޭ މަސްވެރިން މިހާ ނިކަމެތިވި ދުވަހެއް. ފައިސާ ނުލިބިގެން ހަރަދުތައް ހަމަޖައްސަން ޖެހެނީ ފިހާރަތަކަށް ދަރައިގެން. މަސްވެރިންގެ މަސައްކަތުގެ އަގުވަޒަން އެއްގޮތަކަށްވެސް ނުކުރޭ.”
މުޒާހަރާތަކާއި ގުޅިގެން މާންދޫގެ އޮޕަރޭޝަން ވެސް މިހާރުއޮތީ އެއްކޮށް ހުއްޓިފަ އެވެ. އަދި މަސްވެރިންގެ ހަލާލު ފައިސާ ނުލިބެނީސް މުޒާހަރާ ހުއްޓާނުލާނެ ކަމަށްވެސް މަސްވެރިން ދަނީ ބުނަމުންނެވެ.
މީގެ އިރުކޮޅެއްކުރިން މާންދޫގެ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ލ. މާމެންދޫގެ ކައުންސިލް ރައީސް ހަސަން ރަމީޒް ވިދާޅުވީ އެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށެވެ. އެގޮތުން މަސްވެރިންގެ ފައިސާ ހޯދުމަށ އެދުމުން ފައިސާ ނެތްކަމަށް މެނޭޖުމަންޓުން ބުނެފައިވާކަމަށް ހަސަން ރަމީޒު ވަނީ ވިދާޅުވެފަ އެވެ.
މުޒާހަރާ ކުރާ ސަރަހައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.
ހޮރައިޒަން ފިޝަރީސް ޕްރއިވެޓް ލިމިޓެޑުން ދަށުން ހިންގަމުންދާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ކުންފުންޏެކެވެ. އަދި ގާސިމް އަތުން މާންދޫ ނެގުމަށްވެސް މަސްވެރިން އަންނަނީ ގޮވާލަމުންނެވެ.
މަސްކިރުމަށްފަހު ފައިސާ ނުދިނުމުގެ އިތުރުން، ރޭގަނޑު 10 އެއްގެ ފަހުން ބާނާ މަސް ކިރުވޭނެ ގޮތެއް ނެތުންފަދަ ފިއްތުންތައް ވެސް މާންދޫ ފިޝަރީސްއިން ދަނީ މަސްވެރިންނަށް ކުރިމަތި ކުރުވަމުންނެވެ.