ރ.ދުވާފަރު ކައުންސިލްގެ ބޮޑު ހިޔާނާތެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އާންމުކުރި އިންޑެކްސް ރިޕޯޓަކުން ހާމަވެފައި ވަނިކޮށް ކައުންސިލްގެ ހުރިހާ މެންބަރުން ސަސްޕެންޑް ކޮށްފިއެވެ.
އެލްޖީއޭގެ ބޯޑުން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ދުވާފަރު ކައުންސިލްގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރަން ނިންމީ މިއަހަރުގެ ޖުލައިމަހު ފެންމަތިވި ހިޔާނާތުގެ މައްސަލަ އާއި ގުޅިގެންކަން އެލްޖީއޭ އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
މިހާރު ކައުންސިލް ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައިވަނީ އެ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހު އާއެވެ.
ކައުންސިލުގެ ހިޔާނާތުގެ މައްސަލަތައް ފެންމަތިވެފައިވަނިކޮށް އެ ކައުންސިލުގެ ހަތް މެންބަރުންގެ ތެރެއިން ކައުންސިލަރު އަހްމަދު ސަމޫހު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގައި އޮންނާނެއެވެ.



