ފެނާއި ނަރުދަމާ އެޅުމަށް ހޮޅިވަޅުމުގެ މަސައްކަތް ކުރަން މަގު ކޮންނަނިކޮށް ދ ރިނބުދޫއިން ބޮޑު ބޮލިވަޅެއް ފެނިއްޖެއެވެ.
މި ވަޅު ފެނިފައިވަނީ ރަށުގެ ދެކުނު ފަރާތުން ފެނާއި ނަރުދަމާ އެޅުމަށް ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދަކުން ކަމަށާއި ބެލެވޭ ގޮތުގައި މިއީ ވަރަށް ކުރީ ޒަމާނެއްގައި މި ސަރަހައްދުގައި ވަޅުލާފައިވާ ބޮލިތަކެއް ކަމަށް ރިނބުދޫ ކައުންސިލުން ހާމަކުރެއެވެ.
މި ބޮލިވަޅު ފެނުނު ކަން ރިނބުދޫ ކައުންސިލުން ވަނީ މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗަރ ހެރިޓޭޖް އަށް އަންގާފައެވެ. މިކަމާ ގުޅުގެން ހެރިޓޭޖް މިނިސްޓަރ ޔުމުނާ މައުމޫނު ވިދާޅުވީ، މި ބޮލިވަޅު ފެނުނުކަމުގެ މައުލޫމާތު، ރިނބުދޫ ކައުންސިލުން، ހެރިޓޭޖް މިނިސްޓްރީ އާ އި ހިއްސާކޮށްދެއްވިކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
މި ކަމުގައި އެމިނިސްޓްރީ ގެ ލަފަޔާ އެއްގޮތަށް ކައުންސިލުން އަމަލު ކޮށްދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
ބޮއްޔަކީ އިހުޒަމާނުގައި ފައިސާގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރި އެއްޗެކެވެ. ރިނބުދޫ ފާހަގަވެފައިވަނީ ރަންރިހި ޖަވާހިރުގެ މަސައްކަތް ކުރަމުން އަންނަ މުއްސަނދި ރަށެއްގެ ގޮތުގައެވެ.



