އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް، ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލު ހުކުމް ކުރައްވައިފިއެވެ.
ދައުލަތުން އެދިފައިވަނީ ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން، 8 އަހަރަށް ރައީސް ޔާމީން ޖަލަށްލުމަށެވެ.
އަދި މަނީލޯންޑާ ކުރުމުގެ އަދަބެއްގެ ގޮތުން 11 އަހަރަށް ރައީސް ޔާމީން ޖަލަށްލުމަށް ވެސް ދައުލަތުން އެދިފައިވެއެވެ. މިއާއެކު 19 އަހަރަށް ރައީސް ޔާމީން ޖަލަށްލުމަށް ދައުލަތުން ވަނީ ޝަރީއަތުގެ މަޖިލީހުގައި އެދިފައެވެ.
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު، އެ މައްސަލައިގެ ހުކުމް އިއްވަމުން ޤާޟީ ވިދާޅުވެފައިވަނީ، ޗެކު ބަލައިގަތްކަމާއި، ޗެކު ދޫކުރިކަން މައްސަލާގައި ހުށަހަޅާފައިވާ ޗެކާއި ބޭންކު ސްޓޭޓުމެންޓުތަކުން ސާބިތުވާކަމަށެވެ. ނަމަވެސް އެ ފައިސާއާ ގުޅިގެން ރައީސް ޔާމީނުގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި ދިފާއީ ހެކިންނާއި ހެކިތަކާ ގުޅޭ ގޮތުން ޤާޟީގެ ހުކުމުގައި އެއްވެސް ވާހަކައެއް ނުދައްކަވައެވެ.
ޔޫސުފް ނައީމާއި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ އެ އަސާސްތަކުގެ މައްޗަށް ބިނާކޮށެވެ. ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ދިފާއުން ދެއްކި އެއްވެސް ވާހަކައަކަށް މިއަދު އިއްވެވި ހުކުމުގައި އަލިއަޅުވައިލައްވާފައިނުވެއެވެ.



