ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޕެޓްރޯލްގެ އަގު ލީޓަރަކުން 48 ލާރި ދަށްކޮށްފިއެވެ. މިގޮތުން އެސްޓީއޯގެ ފިއުލް ސްޓޭޝަންތަކުން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަމުންދަނީ 11.73 ރުފިޔާއަށެވެ.
އަގު ދަށްކުރުމުގެ ކުރިން އެސްޓީއޯގެ ފިއުލް ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދިޔައީ 12.21 ރުފިޔާއަށެވެ. މީގެ ކުރިން އެންމެ ފަހުން ޕެޓްރޯލްގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މެއި މަހުއެވެ. އޭރު ލީޓަރަކުން 35 ލާރި ދަށްކުރިއެވެ.
އަދި މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަނީ މާލެ އާއި ހުޅުމާލޭގައި ހުރި ޕެޓްރޯލް ޝެޑުތަކުން ފުޅިއަށާއި ހަމަށް ތެޔޮ އަޅައިދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ.
އެފްއެސްއެމްގެ މި އައު އުސޫލުގެ ދަށުން، ފުޅިއަށް ތެޔޮ އަޅައިދެވެނީ އައިޑީ ކާޑު ދެއްކުމުންނެވެ. އަދި ކޮންމެ މީހަކަށްވެސް ދުވާލަކު ދޫކުރެވޭނީ އެންމެ ގިނަވެގެން ތިން ލީޓަރެވެ. އަދި ހަމަށް ތެޔޮ އަޅައިދިނުމުގައި، ޑިންގީ ނުވަތަ ލޯންޗުގެ ރަޖިސްޓްރީ ބެލުމަށްފަހު، ދުވާލަކު އެންމެ ގިނަވެގެން 80 ލީޓަރު ދޫކުރެވޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.