މިއަހަރުގެ އޭޕްރީލް 10 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 11.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 500 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
މިނިސްޓްރީ އޮފް ފިނޭންސުން މިއަދު ނެރުނު ‘ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް’ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ޖީއެސްޓީންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން ގްރީން ޓެކްސްގެ ގޮތުގައި 556.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 229.7 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރުގެ މި މުއްދަތުގައި 437.1 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 95.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، މިއަހަރުގެ މި މުއްދަތުގައި 9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމަށް 2.4 ބިލިއަން ރުފިޔާ ހިމެނެއެވެ. މިއަހަރުގެ މި މުއްދަތުގައި ޖުމުލަ ބަޖެޓު ބެލެންސް ވަނީ 2.1 ބިލިއަން ރުފިޔާއިން އަރަނިވެފައެވެ.