ކްރެޑިޓް ކާޑް އިން މަހަކު ބޭނުން ކުރެވޭ ޑޮލަރު ލިމިޓް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މިޑިއާގައި އެ މަނިކުފާނު ވިދާޅުވީ ރެޑިޓް ކާޑް އިން މަހަކު ބޭނުން ކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ބަދަލު އަންނާނީ ފެބްރުއަރީ 1، 2026 އިން ފެށިގެން ކަމަށެވެ.
އެގޮތުން ފެބްރުއަރީ އިން ފެށިގެން ބީއެމްއެލްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މި ނިންމެވުން އިއުލާނު ކުރައްވާފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރުގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށާއި، އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވެފައެވެ.