މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިޔަން ޑޮލަރުގެ ސުކޫކުގެ އޮކްޓޯބަރު މަހަށް ދައްކަންޖެހޭ 24.6 މިލިޔަން ޑޮލަރު މިނިސްޓްރީ އޮފް ފިނޭންސުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ދެ ފަހަރު، އެޕްރީލް އަދި އޮކްޓޯބަރު މަހު ފައިސާ ދައްކަމުން ގެންދާ ކަމަށެވެ. އަދި މި ސުކޫކުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މާލީ ވުޒާރާއިން އިތުރަށް ފާހަގަކޮށްފައިވަނީ، ސުކޫކުގެ އެންމެފަހުގެ ކޫޕަންގެ ގޮތުގައި 25 މިލިޔަން ޑޮލަރު ދައްކަންޖެހޭ ކަމަށާއި، މި އަދަދާއެކު ސުކޫކުގެ ޖުމްލަ އަދަދުކަމަށްވާ 500 މިލިޔަން ޑޮލަރު އަންނަ އަހަރުގެ އެޕްރީލްގައި މުއްދަތު ހަމަވާއިރަށް ދައްކާ ނިންމާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ފާހަގަކުރަމުން، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.