މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދު ބޮޑުކޮށްފިއެވެ. މި ބަދަލާއެކު މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނާނީ ކިލޯއެއް 18.50 ރުފިޔާގެ މަގުންނެވެ.
މަސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މަހަށް ހަމަ އަގު ނުލިބުން ކަމަށްވާއިރު، މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ވީހާވެސް ފައިދާހުރި ގޮތަކަށް މަސް ގަތުމުގެ އިންތިޒާމުތައް ބައްޓަންކުރުން ކަމަށެވެ.
އަނަސް ފާހަގަކުރެއްވި ގޮތުގައި މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ދަށް ދުވަސްވަރެއް ކަމުން، ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް މަސް ގަންނަ އަގަށް ބަދަލުތައް ގެންނަމުންދާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މަސް ގަންނަ އަގު މިއަށްވުރެ ރަނގަޅުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް އެވްރެޖްކޮށް މަސް ގަންނަ އަގު 17 އާއި 18 ރުފިޔާއާ ދެމެދު ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ވަނީ މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަށް ނިންމާފައެވެ.
އަގަށް އައި މި ބަދަލާއެކު މިފްކޯގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ކާރުހާނާތަކުގެ އިތުރުން ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުންވެސް މިއަދުން ފެށިގެން އައު އަގުގައި މަސް ގަންނަމުންދާނެއެވެ. ނަމަވެސް، ކަޅުބިލަމަހުގެ އަގު ބޮޑުކުރި ނަމަވެސް ކަންނެލި ގަންނަ އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ސަރުކާރުގެ ދުރުރާސްތާ އަމާޒަކީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުމެވެ.



