ދިވެހިރާއްޖޭގެ ބާޒާރުން ކުކުޅުބިސް ހުސްވެފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް ދޮގުކޮށް، ބާޒާރުގައި ބިސް ލިބެން ހުރި ކަމުގެ ޔަޤީންކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދީފިއެވެ.
އެސްޓީއޯއިން ބުނީ މިހާރުވެސް އެއްވެސް ހިފެހެއްޓުމެއް ނެތި ބިސް ވިއްކަމުންދާ ކަމަށާއި، މެދުކެނޑުމެއްނެތި ބިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިތުރު ޝިޕްމަންޓްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެސްޓީއޯއިން މިކަން ސާފުކޮށްދީފައި މިވަނީ ބާޒާރުން ބިސް ލިބެން ނެތް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ކުކުޅުބިހަކީ ރާއްޖެއިން މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ 23 ބާވަތުގެ ތެރޭގައި ހިމެނޭ އެއް ބާވަތެވެ.
ސަރުކާރުން ކަނޑައަޅާފައިވާ މިފަދަ އަސާސީ މުދާ މާކެޓަށް ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރަނީ އެސްޓީއޯއިންނެވެ. އަދި ސަޕްލައި ޗޭނަށް އެއްވެސް ބުރޫއެއް އެރިޔަނުދިނުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ކާބޯތަކެތީގެ އަސާސީ ބާވަތްތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ދެމިއޮންނާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.



