- Advertisement -ad image

ކުރި އިންތިޒާރު (ފަހުބައި)

ad image

ގުޅުންހުރި ލިޔުންތައް

” ހިމޭން ހިތްވެފައިވީ ޔާރު ފަސްދީ ދާގޮތުން.. ވެޔޭ ހިތުގެ ހަރަކާތް ހުއްޓިފާ “
އާން ކޮންމެ ގޮތަކަށް ކަންތައްކުރި ކަމުގައިވިއަސް އަހަރެން މިވާ ލޯތްބަކަށް ކުޑަވެސް ބަދަލެއްނާދެއެވެ. އަދި ނުވެސް އަންނާނެވެ. މަޑުމަޑުން އަހަރެންވެސް އާންއާ ދުރަށް ޖެހެން ފެށީމެވެ. ލޯބި ނުވާތީކީ ނޫނެވެ. އޭނައަށް އަހަރެންގެ ފަރާތުން އުނދަގުލެއްވިޔަ ނުދިނުމަށެވެ. އާން އަހަންނަށް ގެއްލި ދާނެތީ ވަރަށް ބިރު ގަނެއެވެ. އަމިއްލަ މިލްކުގައިނުވާ އެއްޗެއް ގެއްލިދާނެތީ ބިރުގަންނަންވީ ސަބަބެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. މުޅި ދުނިޔެއިންވެސް ތިމާ އެންމެ ބޭނުންވާ މީހާގެ ސަމާލުކަން ނުލިބުމަށްވުރެ ބޮޑު ހިތްދަތި ކަމެއް އިހުސާސެއްނުކުރެވޭނެއެވެ.
” ތި ޖާދޫވި މޫނާ ލޯ އަޖައިބެއްހާނަޔާ.. ހުރީމޭ ބަލާހެންހީވެފާ.. ހިނިތުންނުވާތީއޭ ކުށްހީއަކަށްވީ ދެން.. ހިތް އޮވެ އަނދާތީއޭ ބުނަނީ މިހެން..”
ހަޔާތުގެ ސޮފްހާއަށް ގަނޑަކަށްފަހު ގަނޑެއް އިތުރުވަމުން ދިޔަ ވަރަކަށް އަހަރެންގެ ސިއްޚީ ހާލަތުވެސް ދަށްވަމުން ދިޔައެވެ. އަނގައިންނާއި ނޭފަތުން އަންނަމުން ދިޔަ ލޭ ދުވަހެއް ދުވަހަކަށް ގިނަ ވަމުން ދިޔައެވެ. ސުކޫލަށް ދެވެނީވެސް ވަރަށް މަދުންނެވެ. ސުކޫލަށް ދެވޭ ދުވަހެއްވެއްޖެއްޔާ އާން އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނދެއެވެ. ވާހަކައެއް ބުނަން އުޅޭހެން ހީވާ ކަހަލައެވެ. އާންގެ މި ޢަމަލުތަކުގެ ސަބަބުން އުފާ ކުރަންވީ ކަމެއް ނޫނީ ދެރަވާންވީ ކަމެއް އަހަންނަކަށް ނުވިސްނުނެވެ. ލޯތްބަކީ ކޯންޗެއްކަމާއި ލޯބިވާން ދަސްކޮށްދިނީ އާންއެވެ. ނަމަވެސް މި ލޯތްބާއި ދުރުވޫންނޫން ގޮތެއް މިއަދަކު ނެތެވެ. މިއީ މިއަދު އަހަންނަށް އިރާދަކުރެއްވި ގޮތެވެ. ދުނިޔެއިން އެންމެ ލޯބިވީ މީހާ ލިބެން އޮތް ނަމަވެސް އެ ނަސީބަށް ފުރަގަސްދޭންޖެހުމުގެ ހަމަ އެންމެ ބޮޑު އެއް ހަޤީޤަތަކީ އަހަރެންގެ ބަލި ޙާލަތު އެކަމަށް ތަންނުދޭތީއެވެ. ” އަސްލު ޔޫހާއަށް ކިހިނެއްތަ ތި ވަނީ؟ މުޅި މީހާ ތިއޮށް ހިކި އަނަރޫފަވަނީނު! އަޅެ ދޮގުނަހަދާ އަހަރެން ކައިރި ބުނެބަ..ޕްލީޒް” ރިޔާ އަހަރެން ގާތު އާދޭސް ކުރަމުން ދިޔައީ އަހަންނަށް މިވަމުންދާ ކަންތަކުގެ ހަޤީޤަތް އޭނާއަށް ކިޔައިދިނުމަށް އެދިއެވެ. އަހަރެން ވަރަށް ހިތްވަރު ކުރުމަށްފަހު ރިޔާއަށް ކިޔައިދޭން ފެށީމެވެ. ” އަހަރެން މިއުޅެނީ……ސިކުނޑިއަށް ކެންސަރ ޖެހިގެން އެންޑް އައިއޭމް އިން ލާސްޓް ސްޓޭޖް! އަހަންނަށް މިދުނިޔޭގައި ދިރިއުޅެވެން ދެން ނެތް މާކަ ގިނަ ދުވަހެއް..” އަހަންނަށް ބުނެވުނީ މިހިސާބަށެވެ. ގަދަކަމުން ލޮލުގެ ތެރޭ ހިފަހައްޓަމުން ދިޔަ ކަރުނަތައް އެއްވެސް ހުރަހެއް ނެތި އަހަރެންގެ ކޯތާފަތުގައި ފިރުމަމުން ދިޔައެވެ. އަހަރެންގެ ގައިގާ ބައްދާގަންފައި ރިޔާވެސް ރޯން ފަށައިފިއެވެ.
ޖެހިގެންއައި ދުވަހު އަހަރެންގެ ޙާލަތް ވަރަށް ބޮޑަށް ގޯސްވެގެން ސިއްޚީ މަރުކަޒުގައި އެޑްމިޓް ކުރެވުނެވެ. އަހަރެން މި ދުނިޔެއާ ޢަލްވަދާޢު ކިޔަން ދެންހަމަ އޮތީ މަދު ގަޑީރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަހަރެން ދެން އެންމެ ބޭނުންވީ ހަމަ އެންމެ ކަމެކެވެ. އެއީ އާން އެންމެފަހުފަހަރަށް ދެކިލުމެވެ. ލޯބީގެ ސޮފްހާގައި ކުލަޖެހެން ފެށިފައިވީ ނަމަވެސް އެ ފުރިހަމަވުމެއް ލިޔެވިފައެއްނުވިއެވެ. މިއީ ތަޤުދީރު ނިޔާކުރި ގޮތެވެ. އަހަރެންގެ ކައިރީގައި މަންމައާއި ބައްޕަ އަދި އާއިލާގެ އެންމެނާއެކު ރިޔާ އަދި ލަޔާން ހުއްޓެވެ. އެންމެންވެސް ތިބީ ރޮވިފައިކަމުން އެމީހުން ހެއްވާލެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ” ދެން އެންމެން ދެރަވެފައި ނުތިބެ ބަލަ! އަޅުގނޑު ބޭނުމީ އުފަލާއެކުއޭ ޓާޓާ ކިޔަން!” އަހަރެން ގަދަކަމުން ހީލަމުން ބުނެލީމެވެ. އަހަރެންގެ މަޤުޞަދު ކާމިޔާބުވުމުގެ ބަދަލުގައި މަންމަ އިތުރަށް އަހަރެންގެ ގައިގާ ބައްދާގަންފާ ރޯންފެށިއެވެ. ” ޔޫހާ” ކުއްލި އަކަށް އާންގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ސިހިފައި އެންމެން ފަހަތް ބަލައިލި އިރު އާން ފެންކަޅިވެފައި ފަހަތު ހުއްޓިގެން ހުއްޓެވެ.
” ތި އިންތިޒާރުގަ ދީވާނަ ވެއްޖޭ އޯގާވެ ދޭށެ ހިތާއޭ..ހުރީމެ ކެތްމަދުވެފަ ދުށުން އެދި ލޯތްބަށްޓަކާ މިތުރާއޭ”
އާން މަޑުމަޑުން އަހަރެން ކައިރިއަށް އައިސް އަހަރެންގެ އަތުގައި ހިފިއެވެ. ” އަހަންނަށް މަޢާފް ކުރޭ! އަހަރެން އެއްވެސް ކަމަކާނުލާ ޔޫހާގެ ނަންބަރު ބުލޮކަށްލައި ދެރަކޮށްލިން.. އޭރު އަހަންނަށް ނުވިސްނުނީ! އައިއެމް ރިއަލީ ސޮރީ! އެންޑް އައިލަވް ޔޫ ޓޫ! ” އާން މަޑު ގިސްލުމަކާ އެކު ބުންޏެވެ. ” އާން މަޢާފަށް އެދޭވަރު ކަމެއް ނުކުރެއޭ! އަހަރެންގެ ހަޔާތުގައިވެސް ހަމައެކަނި ލޯބިވެވުނު މީހަކީތީ! އަހަރެން ހަޔާތުގެ އެންމެ ފަހު ސިކުންތުގައި އާންގެ ތި ރީތި މޫނު ފެނުމުގެ ނަސީބު ލިބުނީތީ މާތްﷲ އަށް ޝުކުރުކުރަން.. އަހަރެން މި ދުނިޔޭގައި ނެތް ކަމުގައިވިއަސް އަބަދުވެސް އާންއާ އެންމެ ގާތުން، އާންގެ ހިޔަނިހެން އާން ކައިރި ހުންނާނަން! އަހަރެން އާން ދެކެ ވަރަށް ވަރަށް ލޯބިވޭ!” މި ޖުމްލައާއެކު އަހަރެން މި ދުނިޔެއިން ޢަލްވަދާޢު ކީމެވެ.
” ހަށިގަނޑާއި ފުރާނަ ވަކިވެވި ނެތިފަނާވެ ދިޔާސްހެވޭ.. ކަށިވެފީވޭއްޔަށްވެ ދިޔަޔަސް ލޯބި އަހަރެންވާނަމޭ.. ލޯބިވެތި ތިޔަ ސޫރަ އަހަރެން ހިތުތެރޭ ފޮރުވާނަމޭ.. ލޯބިވާގެ ހިޔާލުތައް މި ހިތުން ފިލާނެ ގޮތެއް ނެތޭ.. ހިތުތެރޭވާ ވިންދުކެޑުނަސް ލޯބި ތިޔަ ނިމުމެއް ނެތޭ.. ހިތުގެ ތިޔައީ ސާފު ލޯތްބޭ ފަނޑުވެގެން ދުވަހަކު ނުދާނޭ.. ހާދަ ފޮނި އުއްމީދުތަކަކުން ހިތް މަގޭ ފުރިފާވިއޭ.. ހާދަހާ އެކުގާ ކަލާޔާ ދިރިއުޅެން ބޭނުންވިއޭ..
ނަމަވިއަސް އެކަމުގެ ނަސީބެއް ދުނިޔެއިން ލިބުމެއް ނެތޭ.. ލިޔެވިފާ ތަޤުދީރުގާވާ ގޮތް ބަދަލުވެވުމެއް ނެތޭ.. ހިތް މަގޭ އެދެނީ ތިބާ ޔާ މަޚްޝަރުން ބައްދަލުވުމޭ.. ހިތް ބުނޭ ތިޔަ ލޯބިގައިމޭ ޖަންނަތުން އަބަދަށް ލިބޭނޭ “
=ނިމުނީ=

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ