- Advertisement -ad image

ކުރު ވާހަކަ: ނޫރީ

ad image

ގުޅުންހުރި ލިޔުންތައް

ރަނުގެ ކުލަތަކުން ފަޒާ ފެވެމުން އަންނަ މަންޒަރަކީ ހިތްތަކަށް ހަމަޖެހުން ގެނެސްދޭނެ މަންޒަރެކެވެ. ރަށުގެ ތުނޑީގައި ހުދު ދޮންވެލިގަނޑު މަތީ އިށިނދެލައިގެން ތިބި މީހުންގެ އަދަދުވެސް އެކަމަށް ހެކިދެއެވެ. އެ އެންމެންގެ ތެރެއިންވެސް ތަންކޮޅެއް ދުރުގައި އިން އަންހެން ކުއްޖާއަށް ގިނަބައެއްގެ ނަޒަރު ހުއްޓިފައިވިއެވެ. ސަބަބެއް ނެތިއެއްނޫނެވެ. މިއަދަކީ އެ އަންހެން ކުއްޖާގެ ދިރިއުޅުމުގެ ޟަފުހާތަކުގެ ތެރެއިން ފަވާލެވޭނެ ޟަފުހާއެއް ލިޔެވިގެންދިޔަ ދުވަހެކެވެ. ޔަގީން ނުވަނީ އެ ޟަފުހާ ފެވިގެންދިޔައީ ރަންކުލައިން ނުވަތަ ކަޅުކުލައިން ކަމެވެ. ޔަގީންވާކަމަކީ ދިރިއުޅުމުގެ ހައިޖާނުގެ ތެރެއިން ނިކުމެ ހަމަނޭވާއެއް ލާން ބޭނުން ވެފައި ވާނޭކަމެވެ. މިއަދު ރަށުގެ ހޫނު ޙަބަރުގައި ވަނީ ނޫރީ އާއި ނަޒީރުގެ ވަރީގެ ޙަބަރެވެ.
އެ ކައިވެނީގެ ގޮށް ނުމޮހުނުނަމަ މިއަދުވެސް ނޫރީއަށް މިނިވަންކަންމަތީ އެގޮތުގައި ނުއިނދެވުނީހެވެ.
ނޫރީގެ ހާލަތާއިމެދު ހަމްދަރުދީނުވާ އެކަކުވެސް އެރަށުގައި ނެތެވެ. ދިރިއުޅުމުގައި އަމާން މަންޒިލަކަށް ވާސިލުވުމަށް މީގެ މަހެއްހައިދުވަސް ކުރިން ފެށި ދަތުރުގެ ފުރަތަމަ ކާމިޔާބީ ހާސިލްވިދުވަހަކީ މިއެވެ. ނޫރީގެ ހިޔާލުތަށް ގުޅިފައިވަނީ އެހަށިގަނޑު ތެރޭގައިވި އިތުރު ފުރާނައެއްގެ ވިންދު އެ ހަށިގަނޑާއި ވަކިވެގެން ދިޔަ ދުވަހާއެވެ. ފުނޑު ފުނޑުވެފައިވި ހިތާއި ހަށިގަނޑުގެ އެންމެހިމަ ނާރުގައިވެސް އެ ގަދަ ވޭން ދައުރުވާހެން އަދިވެސް އިހުސާސްވެއެވެ.
ނަޒީރުގެ އަނިޔާތަކަށް ކެތްތެރިވެގެން ހުންނަތާ ދެ އަހަރު ވެގެން ދިޔައިރުވެސް އެކަން އެހެންމީހަކަށް ބުނެނުދެވުނީތީވެ މިއަދު ނޫރީ އެކަމާއި ހިތާމަ ކުރެއެވެ. އެހެންނޫންނަމަ ނޫރީގެ ބަނޑުގައިވި ދަރިފުޅު ބީވެގެން ދިއުމުގެކުރިން އެހީތެރިކަމުގެ އަތެއް ލިބުނީސްކަން ކަށަވަރެވެ. ނަޒީރުގެ ރީތި ސޫރައިގެތެރޭ ފޮރުވިފައިވި ފުރޭތަ ފާޅުވީ، ކައިވެންޏަށް ތިންމަސް ފުރުނުތަނާ ނަޒީރުގެ ބޮޑު ސިއްރު ނޫރީއަށް ހިސާބުންނެވެ. ރީތި ފޭރާމުގެ ނިވަލުގައިހުރެ މަސްތުވާތަކެތި ވިއްކައި އޭގެ ބޭނުންވެސްކުރާކަން އެނގުނުދުވަހުން ފެށިގެން ނޫރީ އަށް ގެއިން ބޭރަށް ނިކުމެ މީހުންނާއި އަނގައިންބުނުން މަނާވެގެން ދިޔައެވެ. އެ ދުވަހައްފަހު ނަޒީރު ރުހޭ ގޮތަކަށް ނޫރިއަށް ފިޔަވަޅެއް ވެސް އެޅޭކަމަކަށް ނުވިއެވެ. އެ ހުރިހައި ދުވަހު ވި އިންތިހާ ލޯބި ކުއްލިއަކަށް ނެތި ދިޔަ ގޮތާއިމެދު ނޫރީ އަޖައިބު ވެއެވެ. ދަޅަ ދެއްކުމުގައި ބައެއް އިންސާނުން ހާދަ ކުޅަދާނައެވެ. ނޫރީ ނަޒީރުއާއި ވަކިވާން ބޭނުންވިއެވެ. އެކަމަކު ދުރުވާން އުޅެފިނަމަ ދެން ލިބޭނެ އަނިޔާ ބޮޑުވާނެކަން އެނގޭތީ ކުރިއަށްދާންވީ މަގު ނޭނގިފައި ހުރީއެވެ. ނަމަވެސް ނަޒީރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިޔައީ ނޫރީ ބަނޑު ބޮޑުކަން އެނގުނު ހިސާބުންނެވެ. ނަޒީރުގެ ” ޕުލޭން ” އަށް ހުރަސް އެޅޭނެ ކަމަކަށް އެކަން ވަނީއެވެ. ދަރިފުޅު ވައްޓާލަން ގެނެސްދިން ބޭސް ނުކައި ފޮރުވާފައި ހުރިތަން ނަޒީރުއަށް ފެނުނު ދުވަސް ވެގެންދިޔައީ މުޅި ރަށުގެ ރައްޔިތުންވެސް ސިއްސުވާލި ދުވަހަކަށެވެ. ނަޒީރުގެ އަނިޔާވެރިކަން އިންތިހާދަރަޖައަށް ދިޔައީ އެވެ. ނޫރީގެ އިސްތަށިގަނޑުގައި ހިފައިދަމަމުން ނެރެ މަގުމެދައް އެއްލާލިއިރު ނޫރީގެ ވޭނީ ހަޅޭކުގެއަޑު އިވުނު ކޮންމެ ނަފުސެއްގެހިތް ކުދި ކުދި ވެގެން ދާހާ ވެއެވެ. ބަލާކަށްނުތިބެ ދުވެގޮސް ނަޒީރު ހުއްޓުވީ އަޑުގަދަވެގެން މަގުމައްޗަށް ނިކުތް ދެ ތިން މީހުންނެވެ. މާގިނަ ބަޔަކު ދިރިއުޅޭ ހިސާބެއްނޫނަސް އިސާހިތަކު ދުރުދުރުން އެކި އެކި ދިމަދިމާލުން މީހުންތައް އައިސްވަށައިލައިފިއެވެ. ލެއިންތެމި ފޯވެފައިވިހެދުމާއި ނޫރީގެ ހާލަތުފެނި ގިނަބައެއްގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

             ރަށްޔިތުން ނޫރީއަށް ހިމާޔަތްދީ ނަޒީރު ފުލުހުންނާ ހަވާލުކުރިއެވެ. ނޫރީ ހޮސްޕިޓަލަށް ގެންދެވި ފަރުވާއާއި ކައުންސެލިންގެ ސެޝަން ތަކެއް ދިނެވެ. ނޫރީ ކިޔައިދިން ގޮތުގައި ބަނޑުބޮޑުކަން ނަޒީރުއަށް އިންގުނީ ބަނޑަށް 3 މަސް ވިފަހުންނެވެ. ނަމަވެސް ނޫރީ އެކަން ސިއްރުކޮށް ބަނޑަށް ދޮޅުމަސް ކަމަށް ބުންޏެވެ. އެކިކަހަލަ ޖިސްމާނީ އަދި ނަފްސާނި އަނިޔާގެ އިތުރުން ނޫރީގެ ބަނޑަށް 5 މަސް ފުރުނުއިރު 3 ފަހަރު ބޭސް ގެނެސްދީފިއެވެ. ނަމަވެސް ކޮންމެފަހަރަކުވެސް ބޭސް ކެއިކަމަށް ބުނެ ބޭސް ފޮރުވަނީއެވެ. އަދި ބަނޑުގައި ރިހޭކަމަށް ހެދިގެން ނޫރީ ވިސްނަމުން ދިޔައީ ނަޒީރުގެ މަޅިން ސަލާމަތް ވާނެ  ގޮތަކާމެދުގައެވެ. އެކަމަކު މިއީ ނަޒީރުގެ ރަށް ކަމުން ނޫރީ ދަންނަމީހަކު ނެތުމުން އެކަން ފަސޭހަ ކަމަކަށް ނުވިއެވެ. ނަޒީރުއަށް ބޭސްތައް ފެނުނީ ޑްރަގްސް ފޮރުވަން ލެވުނުތަން ނޭނގިގެން މުޅި ގެ އެފުށް މިފުށަށް ޖަހަމުންދަނިކޮށެވެ..
            ބޭސްތައް ގެނެސް ނޫރީގެ މޫނުމަށްޗަށް ޖެހުމަށްފަހު އަތްދަމާފަ މޫނުމަތީ ޖެހި އެތިފަހަރުގެ ހޫނުކަން ނުކެނޑެނީސް ދެވަނަ ހަމަލާ އަމާޒުވީ ބަނޑަށެވެ. ދަރިފުޅު ބޭނުން ކަމަށްބުނެ ނޫރީއަށް ރޮއެހޭރި ގަނެވުނީ ހަށިގަނޑުގައި އެޅި ވޭނަށްވުރެ، ބަނޑުގަވާ ދަރިފުޅަށް ލިބިދާނެ އަނިޔާ އަކަށް ބިރުންނެވެ. އިތުރަށް ނަޒީރުއާއެކު އުޅެން ބޭނުން ނޫންކަމަށާ ދަރިފުޅަށް އަނިޔާ ނުދީ ވަރި ކޮށްދޭން  އެދުމުން ނަޒީރު ދަށްކާލީ ލައިގެންހުރި ސޯޓުގެ ފަހަތުޖީބުން ނެގި ވަޅިއެކެވެ. ވަޅިން ބިރުދައްކާ ތިމަންނަ ބުނާގޮތަށް ކަންތަށް ކުރާށޭބުނެ ނޫރީއަށް މަޖުބޫރު ކުރުވީ ގޭގައިހުރި 15 ފޫޓުގެ ދިގު ހަރުގަނޑަކަށް އަރާށެވެ. ހަރުގަނޑަށް އެރުމުން ހަރުގަނޑު ކޮށްޕާ ވަށްޓާލީ އެއްވެސް ރަހުމެއް ނެތިއެވެ. ހިރިނުލެވިފައި ނޫރީ އޮތްއިރު ހޯސް ލާފައި ލޭތައް ފައިބަމުން ދިޔަތަން ފެނިވެސް ނަޒީރުގެ ހިތަށް ކުޑަނަމަވެސް އަސަރެއް ނުކުރިއެވެ.  މިގޭ ހަތަރުފާރު ތެރެއިން ނިކުންނާށޭބުނެ ނޫރީގެ އިސްތަށިގަނޑުގައި ހިފާ ދަމަމުން ނެރެ މަގުމެދަށް އެއްލާލީއެވެ.  ނޫރީގެ ބަނޑުގައިވި ތުއްތު ފުރާނަ އެހަށިގަނޑާ ވަކިކޮށްލީ އެދަރިފުޅުގެ ބައްޕަގެ ރަހުމްކުޑަ އަނިޔާތަކެވެ.  އުނދަގޫ ކަމެއްނެތި ނޫރީއަށް ނަޒީރުގެ ކިބައިން ވަރިވެވުނެވެ. ރަށުގެ މުއައްސަސާތަކާއި ރައްޔިތުންވެސް ނޫރީއަށް އެންމެ ފުރިހަމައަށް އެހީތެރިވެދިނެވެ. ނޫރީއަށް ވަރަށްބޮޑު   ހިތްހަމްޖެހުމެއް އެކަމުން ލިބިގެން ދިޔައެވެ.  ތުންތުންމަތިން އިވޭގޮތުން ނަޒީރުއަށް އުމުރުދުވަހުގެ ޖަލުހުކުމެއް އަންނާނެއެވެ. ނޫރީއަށް އިރު އޮށްސިއްޖެކަމުގެ ހިލަމެއްވީ މަޣްރިބް ނަމާދު ބަންގީގެ އަޑުންނެވެ. ﷲ ގެ އިރާދަފުޅުން ނޫރީއަށް އެ އަނިޔާ ތަކުން މިންޖުވެވުނު ނަމަވެސް، އުމުރުދުވަހަށް ވެސް ބިރުވެރި ހުވަފެނެއް ފަދައިން އެ ބިރުވެރި މާޒީ ހަނދާނުގައި ހަރުލާފައި ހުންނާނެއެވެ. ދޮންވެލިގަނޑުމަތިން ތެދުވެ ނޫރީ ހިނގައިގަތީ އަޒުމެއް ހިތުގައި ކަނޑައަޅައިގެނެވެ. މިދުނިއޭގެ ހަޔާތުގައި ނޫރީ އަށް ލިބުނު ފިލާވަޅު އެހެންމީހުނަށް ބުނެދިނުމުގައި ވަރުބަލިކަމެށްނެތި ނޫރީ ކުރިއަށްދާނެއެވެ. އެފަދަ އެހެން ނޫރީއަކަށް ވާ ހިތްވަރަކަށް ޓަކައެވެ. އެހާވަރުން ހިމާޔަތްދީ ރައްކާތެރިކުރި ނުއުފަންނަ ފުރާނަ ބީވެގެން ދިޔަފަދައިން ދެވަނަ ފުރާނައެއް ގެއްލިގެން ދިޔަނުދިނުމަށް ޓަކައެވެ. އަނިޔާވެރިންނަށް  އަނިޔާ އަކީ ހައްލު ނޫންކަން އަންގައި ދިނުމަށެވެ.  އެންމެ ހީނުކުރާ ފަރާތުންވެސް ތިބާއަށް އެހީތެރިކަން ފޯރުކޮށްދީފާނެއެވެ. އަނިޔާއަށް ކެތްކުރުމަކީ ހެދޭ ގޯހެކެވެ. އަނިޔާވެރިވާނެ ދެވަނަ ފުރުސަތެއް ނުދޭށެވެ. އެހީއަށް އެދޭށެވެ. ހަޤީގަތް ހާމަކުރާށެވެ.

= ނިމުނީ =

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ