އޮންލައިން ޕްލެޓްފޯމްގައި ގެނެސްދޭން ފެށި ލޮކްއަޕް ގެ ފުރަތަމަ ސީޒަން މުނައްވަރު ފާރޫގީ ކާމިޔާބުކޮށްފިއެވެ. މަޝްހޫރު ބަތަލާ ކަންގަނާ ހުށަހަޅައިދިން މި ރިއަލިޓީ ޝޯ އަކީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ގިނަ ބަޔަކަށް ކަމުދިޔަ ޝޯއެކެވެ. މި ޝޯ ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
ހަތްދިހަ ދުވަހަށް ލޮކްއަޕް ކުރިއަށް ގެންދިޔަ އިރު މި ޝޯ ފެށީ 20 ބައިވެރިންނާއެކުއެވެ. މިޝޯގެ ވިނާ ހޮވާފައިވަނީ އެންމެ ގިނަ ވޯޓު ލިބުނު ކޮންޓެސްޓަންޓް ބެލުމަށްފަހުއެވެ. ޝޯގެ ހޮސްޓް ކަންގަނާގެ ރުހުން ހޯދަން ޖަލުގައި ތިބި ބައިވެރިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނުއިރު މި ޝޯއަކީ މިހާތަނަށް ގެނައި އެންމެ ކާމިޔާބު ރިއަލިޓީ ޝޯ ކަމަށް ލޮކްއަޕް އުފެއްދި އެކްތާ ކަޕޫރު ވަނީ ބުނެފައެވެ.
މި ޝޯ ކާމިޔާބުކުރި މުނައްވަރަށް ވަނީ ވިހިލައްކަ ރުފިޔާގެ ފައިސާގެ އިނާމުދީފައެވެ. އަދި ކާރެއްގެ އިތުރުން ހުރިހާ ހަރަދެއް ކުރާ ގޮތަށް އިޓަލީ ދަތުރެއްވެސް މުނައްވަރަށް ދިނެވެ. ޝޯ ކާމިޔާބު ކުރި މުނައްވަރަށް 18 ލައްކަ އަށްވުރެ ގިނަ ވޯޓު ލިބިފައިވާކަން ކަންގަނާ ވަނީ އިއުލާންކޮށްފައެވެ.