ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖިންސީ ގުނަވަނަށް ކެންސަރު (ޕެނައިލް ކެންސަރު) ޖެހޭ ފިރިހެނުންގެ އަދަދު އިތުރުވަމުންދާއިރު، ކުރިއަށް އޮތް 26 އަހަރުގެ ތެރޭގައި އެ އަދަދު 77 އިންސައްތަ އިތުރުވާނެ ކަމަށް ބީބީސީން ބުނެފިއެވެ.
1961 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ދެމެދު ޖަރުމަނުވިލާތުގައި މި ބާވަތުގެ ކެންސަރުގެ ކޭސްތައް 50 އިންސައްތަ އިތުރުވެފައިވާއިރު، އިނގިރޭސިވިލާތުންވެސް ވަނީ ވަރަށް ބޮޑަށް ކޭސްތައް އިތުރުވެފައި ކަމަށް ބުނެފައެވެ.
ޗައިނާގެ ސަން ޔަޓް-ސެން ޔުނިވާސިޓީގެ ސައިންސްވެރިން 43 ގައުމެއްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ހިމަނައިގެން ހެދި ބޮޑު އެނަލިސިސްއަކަށް ފަހު ބުނެފައި ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުން އަދިވެސް ޕެނައިލް ކެންސަރު ޖެހުމާއި މަރުވާ މީހުންގެ އަދަދު ގިނަ ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކުގައި މި ބަލި ފެތުރޭ މިންވަރު ދަށަށް ދާ ކަމަށެވެ.
ބްރެޒިލްއަކީ މުޅި ދުނިޔޭގައި ވެސް ޕެނައިލް ކެންސަރު ޖެހޭ މީހުންގެ ނިސްބަތް އެންމެ ބޮޑު އެއް ގައުމެވެ. 2012 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ބްރެޒިލްގައި ޕެނައިލް ކެންސަރު ޖެހިގެން 21،000 މީހުން ރިޕޯޓްކޮށްފައިވާއިރު، މި ބަލީގައި 4000 ފިރިހެނުން ވަނީ މަރުވެފައެވެ.
އަދި އެގައުމުގެ އިތުރު 6500 ފިރިހެނުންނަށް ވަނީ އެމީހުންގެ އެޕެންޑޭޖްތައް ބުރިކުރުމަށް މަޖުބޫރުވެފައެވެ.
ބްރެޒިލްގެ ޑޮކްޓަރުން ދެކޭ ގޮތުގައި ޕެނައިލް ކެންސަރުގެ ކޭސްތައް އިތުރުވީ އެޗްޕީވީ (ހިއުމަން ޕެޕިލޯމާވައިރަސް) ވެކްސިން ދޭ ރޭޓް ދަށްވުމުގެ ސަބަބުންނެވެ.
އަދި ބްރެޒިލް ސޮސައިޓީ އޮފް ޔޫރޮލޮޖީގެ މައުރީސިއޯ ޑެނާ ކޯޑެއިރޯ ވިދާޅުވާ ގޮތުގައި އެޗްޕީވީ އަކީ ޖިންސީ ކެންސަރު ޖެހުމުގެ އެންމެ ބޮޑު އެއް ސަބަބެވެ.
“ބްރެޒިލްގައި ވެކްސިން ލިބެން ހުރި ނަމަވެސް، އަންހެން ކުދިންނަށް އެޗްޕީވީ ވެކްސިން ދޭ ރޭޓްހުރީ އެންމެ 57 ޕަސެންޓަށް – އަދި ފިރިހެން ކުދިންގެ އެޗްޕީވީ ވެކްސިން ރޭޓް 40 ޕަސެންޓަށް ވުރެ މައްޗަށް ނުދޭ،” ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ބަލިން ރައްކާތެރިވުމަށް އެންމެ ރަނގަޅު ކަވަރޭޖަކީ 90 ޕަސެންޓެވެ.
ފްރިމްލީ ހެލްތް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓްގެ ކްލިނިކަލް ލީޑް ފޯ ޔޫރޮލޮޖީ ޑރ ނީލް ބާބަރ ވިދާޅުވި ގޮތުގައި މި ބާވަތުގެ ކަންސަރު ޖެހުމަށް މެދުވެރިވާ އަނެއް ސަބަބުތަކަކީ ނުރައްކާތެރި ޖިންސީ ގުޅުން ހިންގުމާއި، ހާއްސަކޮށް ކޮންޑަމް ބޭނުން ނުކުރުމާއި، ސާފުތާހިރުކަން ދަށްވުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕެނައިލް ކެންސަރުގެ ކޭސްތައް އެންމެ ގިނައިން ފެންނަނީ ހިތާނު ނުކުރާ ފިރިހެނުންގެ ފަރާތުންނެވެ.