ބޮލީވުޑްގެ މަޝްހޫރު ތަރި އަމިތާބު ބައްޗަން ދޮގު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ހަރުކަށި އިބާރާތުން ފާޑުކިޔައިފިއެވެ. އިއްޔެގެ އޭނާގެ ބްލޮގުގައި ކުރި ޕޯސްޓެއްގައި އަމިތާބު ވަނީ މިފަދަ ފަރާތްތަކަށް “ކޮހުން” ގެ ނަން ދީ، އެފަރާތްތަކުގެ ޢަމަލުތަކާމެދު ފާޑުކިޔައިފައެވެ.
ޓަމްބްލަރ ގައި ކުރި ޕޯސްޓެއްގައި އަމިތާބު ވަނީ “މި ދުނިޔޭގައި އަބަދުވެސް ތިބޭނީ ކޮހުންނާއި މަދު ވިސްނުން ހުންނަ މީހުން. އެމީހުން އަމިއްލައަށް ހަދާ އަދި ޝާއިޢުކުރާ ދޮގު ޚަބަރުތަކަކީ އެމީހުންގެ އަމިއްލަ އުނިކަންތައްތައް ފޮރުވުމަށް ކުރާ ކަމެއް” ކަމަށް ބުނެފައެވެ.
މީގެ އިތުރުން އެކްސްގައި ވެސް އަމިތާބު ވަނީ މިކަމާ ގުޅޭ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާ ވަނީ “ކޮންމެ ބަހަކަށް އަމިއްލަ މާނައެއް ނަގާ މީހުން، އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ބަދުބަޚްތުކަން ފޮރުވަނީ” ކަމަށް ބުނެފައެވެ.
އަމިތާބުގެ މި ޕޯސްޓުތައް އައިސްފައިވަނީ އޭނާގެ ދަރިފުޅު އަބިޝެކް ބައްޗަންއާއި އައިޝްވަރިޔާ ރާއީގެ ކައިވެންޏާ ގުޅޭ ގޮތުން އުފެދިފައިވާ އަޑުތަކާ ގުޅިގެންނެވެ. ނަމަވެސް، މި ދެ ތަރި ވަނީ މުއްބާއީގައި ބޭއްވުނު ކައިވެނި ޙަފްލާއެއްގައި އެކުގައި ބައިވެރިވެ، މި އަޑުތަކުގެ ދޮގުކަން ސާބިތުކޮށްދީފައެވެ. މީގެ އިތުރުން، މިދިޔަ މަހު އެ ދެމަފިރިން ވަނީ އެ ދެމަފިރިންގެ ދަފިރިންގެ ދަރިފުޅު އާރާދިޔާގެ 13 ވަނަ އުފަންދުވަސް ވެސް އެކުގައި ފާހަގަކޮށްފައެވެ.
މަސައްކަތުގެ ދާއިރާއިން ބަލާއިރު، 80 އަހަރުގެ އަމިތާބު އެންމެ ފަހުން ފެނިގެން ދިޔައީ ރަޖިނިކާންތުގެ “ވެއްޓައިޔަން” ފިލްމުގައެވެ. އަދި މިހާރު އޭނާ ދަނީ “ކައުން ބަނެގާ ކްރޯރެޕަތި 16” ކުއިޒް ޝޯ ހޯސްޓްކުރަމުންނެވެ.