ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ވަނީ 2022 ވަނަ އަހަރު ރިލީޒްކުރި “ލާލް ސިންގް ޗައްދާ” ފިލްމުގެ ނާކާމިޔާބުކަމާ ގުޅިގެން ޢާމިރު ޚާނުގެ ރިއެކްޝަނާ ބެހޭގޮތުން ދާދިފަހުން ވާހަކަދައްކާފައެވެ.
ދި ހޮލީވުޑް ރިޕޯޓަރ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނެފައިވަނީ އެ ފިލްމު ފެއިލްވުމާއި ގުޅިގެން ޢާމިރު ޚާނު ވަރަށް ބޮޑަށް ހިތާމަކުރި ކަމަށެވެ.
ކަރީނާގެ ބަހުން ދޭހަވާގޮތުގައި، ފިލްމު ރިލީޒްވުމަށްފަހު ޢާމިރު ޚާނު އޭނާއާ ބައްދަލުކޮށް ބުނެފައިވަނީ “އަހަރެމެންގެ ފިލްމު ކާމިޔާބެއް ނުވި. ކަރީނާ އަދިވެސް އަހަރެންނާ ވާހަކަދައްކާނެ ދޯ؟” މިހެންނެވެ. މިއީ ޢާމިރު ޚާނު ކަރީނާއަށް މަޢާފަށް އެދުނު ގޮތް ކަމަށް ކަރީނާ ހާމަކޮށްފައިވެއެވެ.
ކަރީނާ އިތުރަށް ބުނެފައިވަނީ “ލާލް ސިންގް ޗައްދާ” އަކީ ވަރަށް ރީތި، ތެދުވެރި ފިލްމެއް ކަމަށާއި، ޢާމިރު ޚާނު ފަދަ ބޮޑު ތަރިއެއް އުފެއްދި ފިލްމަކަށް ވުމުން އޭނާ އެ ފިލްމަށް އިތުބާރުކުރި ކަމަށެވެ. އަދި ފިލްމުގައި އޭނާ ކުޅުނު ރޫޕާގެ ދައުރާމެދު ވަރަށް ފަޚުރުވެރިވާ ކަމަށާއި، އެ ދައުރު އަދާކުރުމުން އޭނާއަށް ލިބުނު ތަޖުރިބާ ވަރަށް މުހިންމު ކަމަށް ކަރީނާ ބުނެފައިވެއެވެ.
“ލާލް ސިންގް ޗައްދާ” އަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމު “ފޮރެސްޓް ގަމްޕް” ގެ ހިންދީ ރީމޭކެކެވެ. މި ފިލްމު ރިލީޒްކުރީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. ނަމަވެސް ބޮކްސް އޮފީހުގައި މި ފިލްމަށް އެކަށީގެންވާ ކާމިޔާބެއް ނުލިބުނެވެ.
ޢާމިރު ޚާނުގެ ދެން އަންނަ ފިލްމަކީ “ސިތާރޭ ޒަމީން ޕަރް” އެވެ. އަދި ސަނީ ޑިއޯލްއާއެކު “ލާހޯރް، 1947” ގެ ނަމުގައި ފިލްމެއް ޕްރޮޑިއުސްކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. ކަރީނާ ކަޕޫރުގެ އެންމެ ފަހުގެ ފިލްމަކީ ދިވާލީ ސީޒަންގައި ރިލީޒްކުރި “ސިންގަމް އަގެއިން” އެވެ.