ތެލަންގާނާގެ ކްރާންތީ ކުމާރު ޕަނިކެރާ ވަނީ އެންމެ މިނިޓެއްގެ ތެރޭގައި 57 ކަރަންޓު ފަންކާ އޭނާގެ ދުލުން ހުއްޓުވައިގެން ގިނަސް ވޯލްޑް ރެކޯޑެއް ހާސިލުކޮށްފައެވެ.
އާދަޔާ ޚިލާފު ކަންތައްތައް ކުރުމުން “ޑްރިލް މޭން” ގެ ނަމުން މަޝްހޫރުވެފައިވާ ތެލަންގާނާގެ ސޫރިއަޕެޓުގެ ރައްޔިތެއް ކަމަށްވާ ޕަނިކެރާގެ މި އެންމެ ފަހުގެ ކާމިޔާބީއާ ގުޅިގެން، އޭނާގެ ނަން އިތުރަށް މަޝްހޫރުވެފައިވެއެވެ. ގިނަސް ވޯލްޑް ރެކޯޑްސް (ޖީ.ޑަބްލިޔު.އާރު) އިން ވަނީ މި ކާމިޔާބީގެ ވީޑިއޯ އެ ފަރާތުގެ ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައެވެ. އަދި މި ވީޑިއޯގައި ޕަނިކެރާ ވަރަށް ހުނަރުވެރިކަމާއެކު އޭނާގެ ދޫ ބޭނުންކޮށްގެން ފަންކާތަކުގެ ތޫނު ދަގަނޑުތައް ހުއްޓުވަމުންދާ މަންޒަރު ފެންނަން ހުއްޓެވެ.
މި ވީޑިއޯގައި ކްރާންތީ ކުމާރު ޕަނިކެރާ ވަނީ ވަރަށް ބާރަށް ދައުރުވަމުންދާ ފަންކާތަކެއްގެ ކުރިމަތީގައި ހުރެ، އޭނާގެ ދޫ ބޭނުންކޮށްގެން ވަރަށް އަވަހަށް އަދި ހުނަރުވެރިކަމާއެކު ކޮންމެ ފަންކާއެއްގެ ދަގަނޑުތައް ހުއްޓުވަމުން ގެންގޮސްފައެވެ. އޭނާގެ ހަރަކާތްތައް ވަނީ ވަރަށް އަވަސް އަދި ރޭވިގެން ކުރިއަށް ގެންގޮސްފައެވެ.
މި ވީޑިއޯ ޝާއިޢުކުރި ތާ އެންމެ ދުވަހެއްގެ ތެރޭގައި 3 މިލިއަނަށްވުރެ ގިނަ މީހުން ބަލައި، އޮންލައިންގައި ގިނަ ޚިޔާލުތަކެއް ފާޅުކޮށްފައިވެއެވެ. ކޮމެންޓު ސެކްޝަންގައި އަތްތިލަބަޑިޖެހުމާއި ހިތުގެ އިމޯޖީތަކާއި އަދި ހައިރާންވެފައިވާ މޫނުތަކުގެ އިމޯޖީތައް ފެންނަން ހުރުމުން، މި ކަމާމެދު މީހުން ދެކޭގޮތް ހާމަވެގެންދެއެވެ.
އެއް ޔޫޒަރަކު ވަނީ “ދަގަނޑު ދޫ” މިހެން ކޮމެންޓުކޮށްފައެވެ. އަނެއް ޔޫޒަރަކު ވަނީ “މިކަހަލަ ކަމަކަށް ތަމްރީނު ކުރެވޭތަ؟” ސުވާލުކޮށްފައެވެ.