ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާނުގެ ގެއަށް ވަގެއް ވަދެ އޭނާއަށް ވަޅިން ހަމަލާދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 3:30 ހާއިރުއެވެ.
އޭއެންއައި ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި، 54 އަހަރުގެ ސައިފްުގެ 6 ތަނަކަށް ވަނީ ވަޅިޖަހާފައެވެ. އޭގެ ތެރެއިން ދެ ތަނަކީ ފުން އަނިޔާތަކެވެ. އަދި މައި ނާރެއް ކައިރިއަށްވެސް ހަމަލާއެެއް ދިންކަަމަށް ބުނެފައިވެއެވެ. ސައިފް ވަގުތުން ގެންގޮސްފައިވަނީ ކައިރީގައި ހުރި ހޮސްޕިޓަލަކަށެވެ.
ސައިފްގެ ފަރާތުން މި ހާދިސާ ކަށަވަރުކޮށްދެމުން ބުނެފައިވަނީ މިއީ “ވައްކަމުގެ މަޤްޞަދުގައި” ކުރި ކަމެއް ކަމަށެވެ. އަދި އާއިލާގެ އެހެން މެންބަރުން ރައްކާތެރިކަމާއެކު ތިބިކަމަށް ބުނެފައިވެއެވެ.
ބުރާސްފަތި ދުވަހު ރޮއިޓަރސް ނިއުސް އޭޖެންސީއަށް ސީނިއަރ ޕޮލިސް އޮފިސަރ ގެދަމް ދިކްސިޓް ވިދާޅުވެފައިވަނީ ސައިފް މިހާރު ނުރައްކަލުން ސަލާމަތްވެފައެވެ.
މި ހާދިސާގައި ގޭގައި މަސައްކަތްކުރާ އަންހެނަކަށްވެސް ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށްވެސް ފަރުވާދެމުންދާ ކަމަށް ބުނެފައިވެއެވެ.
ސައިފް ދިރިއުޅެނީ މުންބާއީގެ ހުޅަނގު ފަރާތުގައި އޮންނަ ބަންޑްރާ ސަރަޙައްދުގައި ހުންނަ އެޕާޓްމަންޓެއްގައެވެ. އޭނާ އާއެކު އުޅެނީ އޭނާގެ އަންހެނުން އަދި މަޝްހޫރު ފިލްމީތަރި ކަރީނާ ކަޕޫރު-ޚާން އާއި ދެ ދަރިންނެވެ.
އެންޑީޓީވީން ބުނާ ގޮތުގައި ފުލުހުން މިހާރު ދަނީ މި ހަމަލާ ދިން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
ސައިފަކީ އިންޑިއާގެ އެންމެ މަޤްބޫލު އެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ 70 އަށްވުރެ ގިނަ ފިލްމާއި ޓީވީ ސީރީޒްތަކުގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރެއިން ބައެއް ފިލްމުތަކުގައި ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވެއެވެ. ސައިފަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން މަންސޫރު އަލީ ޚާން ޕަޓައުޑީ އާއި އެކްޓްރެސް ޝަރުމިލާ ޓަގޯރުގެ ދަރިއެކެވެ.