އިންޑިއާގައި ކުރިއަށްދިޔަ “ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް” މުބާރާތުން ދިވެހި ބޭންޑު “ޓޫ އޮފް އަސް” އިން ހޯދި ތިންވަނަ ދަރަޖައިގެ ކާމިޔާބީއަކީ މުޅި ޤައުމަށް ލިބުނު ފަޚުރުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، “ޓޫ އޮފް އަސް” ބޭންޑުގެ ހުނަރުވެރިކަމާއި ބުރަ މަސައްކަތުން ވަނީ ބައިނަލްއަޤުވާމީ ފެންވަރުގެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިދީފައެވެ. އަދި މި ކާމިޔާބީއާއެކު، އެތައް ދިވެހީންނެއްގެ އުއްމީދު އައުވެ، މިފަދަ ކާމިޔާބީތަކަށް ވާސިލުވުމުގެ ޢަޒުމް އިތުރުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާގެ މުމްބާއީގައި ބޭއްވުނު މި މުބާރާތުގައި “ޓޫ އޮފް އަސް” އިން ހުށަހެޅި ހުރިހާ ޕަފޯމަންސްތަކަކަށްވެސް ވަނީ ޖަޖުންނާއި ބެލުންތެރިންގެ ތަރުހީބު ލިބިފައެވެ.
“ސްޓޭޖް މަތީގައި މަދު ބައެއް ތިބި ނަމަވެސް އަޅުގަނޑުމެން ތަމްސީލު ކުރަނީ މުޅި ދިވެހި ގައުމު” ބޭންޑުގެ މެންބަރުން ބުނެފައިވެއެވެ.