މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ސޯޝަލް މީޑިއާ ވަނީ ހުދު ލިލީގެ މަންޒަރުތަކުން ފުރިގެން ގޮސްފައެވެ. ކްރިއޭޓިވް ނެޓްވޯކް އިން ކުރިއަށްގެންދާ މި ސިއްރުވެރި ކެމްޕެއިންގައި، އެތައް ބައެއްގެ ސަމާލުކަން ވަނީ ހޯދާފައެވެ. ހަމަމިއާއެކު، އެންމެންގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މިއީ ކޮން ލިލީއެއްތޯ އާއި މި ލިލީ ބަހަނީ ކީއްވެގެންތޯއެވެ.
މި ކެމްޕެއިން ފެށިގެން އައީ އިންފްލުއެންސަރުންނާއި މަޝްހޫރު ޝަޚްޞިއްޔަތުތަކެއް ހުދު ލިލީއާއެކު ނަގާ ސޯޝަލް މީޑިޔާއަށް ދޫކޮށްލި ފޮޓޯތަކާ އެކުގައެވެ. މި ކެމްޕެއިން ކުރިއަށް ގެންދާ ކްރިއޭޓިވް ނެޓްވޯކކް ސްޓޫޑިއޯއިން ހާމަކުރިގޮތުގައި ފުރަތަމަ 100 ވަރަކަށް ލިލީ ބެހުމަށް ރޭވި ނަމަވެސް، އާންމުންގެ ފަރާތުން ލިބުނު ތަރުހީބާއެކު މިހާރު ވަނީ 200 އާ ގާތްކުރާ އަދަދަކަށް ލިލީ ބެހިފައެވެ. ކްރިއޭޓިވް ނެޓްވޯކްގެ ފަރާތުން މިހާރުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ގިނަ ބަޔަކަށް ލިލީ ފޯރުކޮށްދިނުމަށެވެ.
ކްރިއޭޓިވް ނެޓްވޯކުން ބުނިގޮތުގައި މި ކެމްޕެއިންއަށް ވަނީ އެ ފަރާތުން އުއްމީދުކުރި ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން ކްރިއޭޓިވް ނެޓްވޯކް އަދި ލިލީ ބެހުމަށް އުޅޭ ކުދިންނަށް މެސެޖުކޮށް ލިލީ ހޯދުމަށް މަސައްކަތް ކޮށްފައެވެ.
ކްރިއޭޓިވް ނެޓްވޯކްއަކީ އަލަށް ފެށިގެން އައި ޕްރޮޑަކްޝަން ސްޓޫޑިއޯއެކެވެ. މިދިޔަ މަހު އެ ސްޓޫޑިއޯގެ ފުރަތަމަ ފިލްމުގެ ފަސްޓް ލުކް ވެސް ވަނީ ދައްކާލާފައެވެ. އަދި މާދަމާ (ހޮނިހިރު ދުވަހު) މި ލިލީ ކެމްޕެއިންގެ ސިއްރު ހާމަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކްރިއޭޓިވް ނެޓްވޯކުން ވަނީ މާދަމާއަށްފަހުގައިވެސް މިފަދަ ކެމްޕެއިންތައް ގިވްއަވޭތަކާއެކު ކުރިއަށްދާނެ ކަމުގެ އުފާވެރި ހަބަރު ދީފައެވެ.



