އައި ފިލްމްސްގެ “ލޯބިން…؟” މި މަހުގެ 6 ވަނަ ދުވަހު ސިނަމާގައި އަޅުވާނެއެވެ. ހަށިވިއްކުމުގެ ވަބާގައި ޖެހިފައިވާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އުފެއްދުމެކެވެ.
އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުން ފެންނާނީ ތާތި އާދަމާއި އޭނާގެ ފިރިމީހާ އިފްނާޒް ފިރާގު އަދި އަހުމަދު ޝާރިފެވެ. މީގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާމް ވެސް މި ފިލްމުގައި ފެނިގެންދާނެއެވެ.
ފިލްމުގެ ޓްރެއިލާ އަދި ސައުންޑް ޓްރެކް މިހާރު ވަނީ ނެރެފައި ވާއިރު، ޓިކެޓް ވިއްކަން ފަށާފައިވަނީ ޖުލައި މަހުގެ ފަހުކޮޅުގައެވެ. އޮލިމްޕަސް ކައުންޓަރުން ޓިކެޓް ވިއްކަމުންދާއިރު، ޓިކެޓް ބުކްކުރުމަށް 7242555 ނަންބަރުގެ ހޮޓްލައިނެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.
އައި ފިލްމްސް، ލައިޓްސް އައުޓް ޕްރޮޑަކްޝަން، އިންޖީނިއަސް ވިޝުއަލް ފެކްޓަރީ އަދި ޕެންޑިއުލަމް އިންވެސްޓްމަންޓް ގުޅިގެން އުފައްދާފައިވާ މި ފިލްމު ބަލާލުމަށް މިހާރުވެސް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.