ރާއްޖޭން ނައްތާލާފައިވާ ހިމަބިހި، މި ފަހުން ގިނަ ބަޔަކަށް ޖެހި ބާރަށް ފެތުރެމުން ދިޔަ ނަމަވެސް އެ ބަލި ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް އަދި ނުދާ ކަމަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ. މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މަހުގެ ކުރީކޮޅެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހިމަބިހި ކޮންމެވެސް ވަރަކަށް ރާއްޖެއިން ފެންނަމުންދާ ކަމަށާއި، ނަމަވެސް އެއީ ކޮންޓްރޯލް ނުކުރެވޭ ހާލަތެއް ނޫން ކަމަށެވެ.
މިނިސްޓަރު ގީލާ ވިދާޅުވީ ހިމަބިއްސަކީ ވަރަށް ފަސޭހައިން އަދި ކުރު މުއްދަތެއްގެ ތެރޭގައި އެކަކު އަނެކަކުގެ ގައިން އަރާ ބައްޔެއް ކަމަށެވެ. “އެހެންވެ، މިއީ އާދަޔާ ހިލާފަށް ފެތުރެމުންދާ ނުވަތަ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ވަރުގެ ބައްޔެއް ނޫން،” މިނިސްޓަރު ވިދާޅުވި އެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ރޯގާ ޖެހުން، ކެއްސުން، ލޯ ރަތްވުން އަދި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ. އެޗްޕީއޭއިން ވަނީ މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން، ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމަށާއި، އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. ބަލީގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޓެސްޓް ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް ވެސް ސިއްހީ އިދާރާތަކުން ވަނީ އިރުޝާދު ދީފަ އެވެ.



