ސައިކަލު ދުއްވާއިރު ހެލްމެޓު އެޅުމަށް ލާޒިމް ކޮށްފައިވާ ސަރަހައްދުތައް ނޫން ސަރަހައްދުތަކުގައި ހެލްމެޓު އަޅާ މީހުން ހުއްޓުވައި އެމީހުން ބަލާ ފާސް ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ހެލްމެޓް އެޅުން ގާނޫނުތަކުގައި ލާޒިމުކޮށްފައިނުވާ ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ހެލްމެޓް އެޅުން ލާޒިމު ކުރާ ސަރަހައްދުތަކުގައި ފިޔަވައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތު ކުރެވޭ މީހުން ހުއްޓުވާ ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
އަދި މިއީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
އުޅަނދު ދުއްވަން އިންނަ މީހާ އާއި އުޅަނދު ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމު ކުރަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަ އޮންނަ ސަރަހައްދުތަކުގައެވެ.