ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓް ލިބުނު މީހުންނަށް އެތަނުގެ އިތުރު ފަސް ޓަވަރަކުން ފްލެޓްތައް ހަވާލުކުރަން ފަށައިފި އެވެ.
އެފްޑީސީން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދޫކޮށްފައިވަނީ އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގައި ހިމެނޭ އެޕަރޓްމަންޓްތަކެވެ. އެއީ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އިއްޔެ ހަވާލުކުރަން ފެށީ 11، 12، 13، 15 އަދި 16 ވަނަ ޓަވަރުގެ ފްލެޓްތަކެވެ. އެއިން ކޮންމެ ޓަވަރެއްގައި 120 ފްލެޓް ހުރެ އެވެ. އެތަންތަން ހަވާލުކުރުމުގެ މަަސައްކަތް ކޮންމެ ދުވަހަކު ވެސް ހެނދުނު 9:30 އިން މެންދުރު ފަހު 3:30 އަށް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޓަވަރުތައް ހަވާލުކުރަން ލަފާކޮށްފައިވާ ތާރީޚުތައް:
- ޑިސެންބަރު 2ވަނަ ހަފްތާ: އުދަރެސް ޓަވަރު – 11، 12، 13، 15، 16
- ޑިސެންބަރު 5ވަނަ ހަފްތާ: ދޯދި ޓަވަރު – 1 ،2 ،3 ،4 ،12 ،13 ،14
- ޖަނަވަރީ 2ވަނަ ހަފްތާ: ދޯދި ޓަވަރު – 15 ،16
- ޖަނަވަރީ 3ވަނަ ހަފްތާ: އުދަރެސް ޓަވަރު – 5، 6، 8
- ޖަނަވަރީ 4ވަނަ ހަފްތާ: އުދަރެސް ޓަވަރު – 1، 2، 3، 4، 7
- ޖަނަވަރީ 5ވަނަ ހަފްތާ: އުދަރެސް ޓަވަރު – 5، 10
- ޖަނަވަރީ 5ވަނަ ހަފްތާ: ދޯދި ޓަވަރު – 5، 6، 7، 8، 9، 10، 11
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ އެ ފްލެޓުތައް ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. މިހާތަނަށް ގިނަ ބަޔަކު ވަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފަ އެވެ. ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ފްލެޓްގެ ތަޅުދަނޑި ހަވާލުކުރާ ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ކުރިން އެފްޑީސީން ބުނެފައިވެ އެވެ.
ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެ އެވެ.



