ދުނިޔޭގެ ޒީނަތްތެރިކަމަކީ މީހާ އޭނާގެ ވެރިރަސްކަލާނގެ މަތިން ހަނދުމަ ކުރުމުން އެއްކިބާ ކުރާ އެއްޗެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ ހަގީގީ ހަޔާތަކީ އުހުރަވީ ހަޔާތް “ މިއެވެ.
ހުތުބާގައި ބުނީ ދުނިޔެއަކީ އަހަރުނެން އެއާމެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ތަނެއް ކަމަށެވެ. އަދި ދުނިޔެއަކީ ނުހަނު ކެހިވެރި ތަނަކަށްވީ ހިނދު ދުނިޔޭގެ އެދުންތަކާ މެދު ވިސްނުމެއް ނުބަހައްޓައި އުޅެން ފަށައިފިނަމަ އެންމެފަހުން ތިމާ އެ ކެހިވެރިކަމުގައި ޖެހޭނެ ކަމަށެވެ.
“ މާތް الله ނެތުމުގެ ތެރެއިން އަޅަމެން ވުޖޫދަށް ގެންނަވައި ގުނައި އަދަދު ނުކުރެވޭހައި ނިއުމަތްތައްވަނީ ދެއްވާފައެވެ. ސީދާވެގެންވާ މަގު ވަނީ ދައްކަވާފައެވެ. ދުނިޔޭގެ މަދު ހިނދުކޮޅެއް ވޭތުކުރުމަށްފަހު ދާއިމީ ހަޔާތަކަށް އިންސާނާ ދަތުރުކުރާނެކަންވަނީ ބަޔާންކޮށް ދެއްވާފައެވެ “ ހުތުބާ
އެއީ ދުނިޔަވީ އެދުންތަކުގައި އިންސާނާ މަސްއޫލުވުމުގެ ސަބަބުން އުހުރަވީ ހަޔާތް ގެއްލިދާނެ ކަމަށްޓަކައި ކަމަށާއި ފިލައިދަނިވި ހިޔަންޏެއްފަދަ މިދުނިޔޭގެ ޒީނަތްތެރިކަމުގައި ޖެހި އާހިރަތުގައި މާތް الله ގެ ކޯފާއަށް ހުށަހެޅިދާނެ ކަމަޓަކައި ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
“ އެބައިމީހުން ދުނިޔެއާ މެދު ދަހިވެތިވެ މުދަލައިގެން މަސްއޫލުވުމުގެ ސަބަބުން ނަމާދު ކުރާކަށް ވަގުތެއް ނުވެއެވެ. މުދާ ހޯދުމުގައި ހަރާމެއް ހަލާލެއް ބެލުމެއް ނެތެވެ. މީހެއްގެ ހައްގަކަށް އަރައިގަތުމަކީ އެއްވެސް ކަމެއް ކަމުގައި އެމީހުން ނުދެކެއެވެ “ ހުތުބާ
ދުނިޔަވީ ކަންކަމާހެދި ތިމާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި ގުޅުން ކަނޑާލާ އިރު އެބައިމީހުން މަރުވާނެކަމާއި އެއަށްފަހު ޖަވާބުދާރީ ވާންޖެހޭނެކަން ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ.