ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން 20 ވަނަ މަޖިލީހުގައި މައިނޯރިޓީއަށް އިހުތިރާމް ކުރާ މެޖޯރިޓީއެއް ފެނިގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ދިނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމަށް މަޖިލީހުން އެއްބާރުލުން ދިނުމަށް ކަމަށާއި މަޖިލީހުގައި ޒިންމާދާރު މަސައްކަތްތަކެއް ކުރާތަން ފެނިގެންދާނެކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ، ޝިޔާމް ވަނީ މިހާރު ހިނގަމުންދާ 19 މަޖިލިސް ފެށިއިރު، ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ތިއްބެވީ ވަރަށް މަދު މެންބަރުންކޮޅެއް ކަމަށާއި، އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި ކުރިލާންޖެހިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ.
އަދި އޭރު ބިލަކަށްވެސް، ބޮޑު މުހިންމު މައްސަލައަކަށް ވާހަކަދައްކަން ފަށާއިރަށް ހަ ފަރާތުން ހަޅޭއްލަވާ، ފުރައްސާރަ ކުރާ މަންޒަރު ފެނިގެންދިޔަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ މިއަދު ރާއްޖޭގެ ރައްޔިތުން ބަލަން ބޭނުންވާ މަންޒަރެއްނޫންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
“އެއީ މިއަދު ރާއްޖޭގެ ރައްޔިތުން ބަލަން ބޭނުންވާ މަންޒަރެއް ނޫން. އަޅުގަނޑުމެން މި ޔަގީންކުރަނީ އަޅުގަނޑުމެންގެ ސަރުކާރެއް ނިސްބަތްވާ ޕާޓީއެއްގެ ސުޕަ މެޖޯރިޓިއެއްގެ ފައިދާ އަޅުގަނޑުމެން ނުނަގާނެ،” ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވަނީ ކުރީ ސަރުކާރުން މަޖިލީހުގެ ސުޕަ-މެޖޯރިޓީއާއެކުވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފެއިލްވި ކަމަށް ވިދާޅުވެފައެވެ.