ޕެޕަރ ސްޕްރޭ ބޭނުން ކުރެވޭ މީހަކަށް އޭގެ އަސަރު ފިލައިގެންދާން ދެތިން ގަޑިއިރުން ފެށިގެން އެއް ދުވަހާ ހަމަޔަށް ވަގުތު ނަގާއިރު ޓޭޒަރ ބޭނުންކުރެވޭ މީހަކަށް އޭގެ އަސަރު ފިލައިގެންދާން ނަގާނީ މިނެޓެއް ހާއިރު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޓޭޒަރ ސުމާޓް އެނާޖީ ޑިވައިސްއަކީ ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ދިރާސާ ކުރެވިފައިވާ ލެސްލީތަލް ހަތިޔާރު ކަމަށެވެ. އެގޮތުން 850 އަށްވުރެ ގިނަ މިނިވަން ދިރާސާ ކޮށްފައިވާއިރު ޓޭޒަރ އަކީ އެހެން ލެސްލީތަލް ފޯސްތަކާ އަޅައިބަލާއިރު އެންމެ ރައްކާތެރި އާލާތް ކަމަށް ފުލުހުން ބުނެއެވެ.
ޓޭޒަރ ސްމާޓް އެނަޖީ ޑިވައިސްތަކަކީ އެއިން ކުރެވޭ ހުރިހާ އަމަލެއް ޑިޖިޓަލީ ލޮގް ކުރެވެމުންދާ ޑިވައިސްއެކެވެ. މި ލޮގަކީ އިންޓަނޭޝަނަލް ސްޓޭންޑަޑަށް އެންކްރިޕްޓް ކުރެވިފައިވާ އަދި އެއްވެސް ފަރާތަކަށް އިތުރު ބަދަލެއް ނުގެނެވޭ ލޮގެއް ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން އިތުރަށް ބުނީ މި ޑިވައިސްއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުންގެންދާ ޑިވައިސްއެއް ކަމަށާއި އެގޮތުން 130 ގައުމުގައި ފުލުހުންގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިތުރު އިދާރާތަކާއި އަސްކަރިއްޔާތަކުގައި ވެސް ޓޭޒަރ ބޭނުންކުރަމުން ގެންދާ ކަމަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރަމުންގެންދާނީ އެމެރިކާގެ ސްކޮޓް ޑައިލް އެރިޒޯނާގެ ކުންފުންޏެއް ކަމަށްވާ އެކްޒޯން އެންޓަރޕްރައިޒް އިންކޯޕަރޭޓަޑުން އުފައްދާފައިވާ ޓޭޒަރގެ އެންމެ ފަހުގެ ޑުއަލް ޝޮޓް ސްމާޓް ކޮންޑަކްޓިވް އެނާޖީ ޑިވައިސް ޓޭޒަރ 7 އެވެ. ޓޭޒަރއަކީ އެގްޒޮންގެ ޓްރޭޑްމާކެކެވެ. ކޮންޑަކްޓިވް އެނާޖީ ޑިވައިސް (ސީ.އީ.ޑީ) ތަކުގެ ތެރެއިން ޓޭޒަރއަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޑިވައިސްއެވެ. ޓޭޒަރގެ މި ޓެކްނޮލޮޖީއަކީ އެގްޒޮންގެ ޕޭޓެންޑެޑް ޓެކްނޮލޮޖީއެކެވެ.
ފުލުހުންގެ ވާޖިބުއަދާކުރުމުގައި ގާނޫނީގޮތުން ލިބިފައިވާ ބާރާއި އިހުތިޔާރުގެ ތެރެއިން ކަނޑައެޅޭ ހާއްސަ ހާލަތްތަކެއްގައި، ލެސް ލީތަލް ހަތިޔާރެއްގެ ގޮތުގައި ކޮންޑަކްޓިވް އެނާޖީ ޑިވައިސް (ސީ.އީ.ޑީ) ނުވަތަ ޓޭޒަރ، ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރުމާއި ގެންގުޅުމަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.
އެގޮތުން، ޓޭޒަރ ގެންގުޅުމުގެ ހުއްދަ ދޫކޮށްފައިވަނީ މި ޑިވައިސް ގެންގުޅުމާއި ބޭނުންކުރުމުގެ އުސޫލު (ކޮންޑަކްޓިވް އެނާޖީ ޑިވައިސް ގެންގުޅުމާއި ބޭނުންކުރުމުގެ އުސޫލު) ގައި ބަޔާންކުރާ މިންގަނޑަށް ތަމްރީނުވެފައިވާ ފުލުހުންނަށެވެ. އަދި ޓޭޒަރ ހަވާލުކުރެވޭ ފުލުހަކު އެ ޑިވައިސްއާއެކު ޑިއުޓީކުރާނަމަ ޑިއުޓީގައި ހަރަކާތްތެރިވާނީ ބޮޑީވޯން ކެމެރާއާ އެކުގައެވެ. ޓޭޒަރ ބޭނުންކުރުމުގެ ހުއްދަދީފައިވަނީ އަމިއްލަ ނަފުސަށް ޓޭޒަރ ބޭނުންކޮށް ތަޖުރިބާކޮށްފައިވާ ފުލުހުންނަށެވެ.
އޭގެ އިތުރުން، ޓޭޒަރ ބޭނުންކުރާނީ މި ޑިވައިސް ގެންގުޅެ ބޭނުންކުރުމަށް ކަނޑައަޅާފައިވާ ތަމްރީނު ފުރިހަމަކޮށް އެ ތަމްރީނުން ފާސްވެފައިވާ ފުލުހުންނެވެ. މި ތަމްރީނަކީ އަހަރަކު އެއްފަހަރު ރިފްރެޝަރ ތަމްރީނުގެ ގޮތުގައި ފުރިހަމަކުރާ ތަމްރީނެކެވެ.
ޓޭޒަރ ބޭނުންކުރުމުގެ ކުރިން، ގާނޫނީގޮތުން ފުލުހުން އަންގާ ކަމަކަށް އެއްބާރުލުން ދިނުމަށް ނަސޭހަތްދީ އިންޒާރުކުރުމާއި ޓޭޒަރ ބޭނުންކުރާނެކަމާ އަދި އެއްބާރުލުން ނުދިނުމުގެ ސަބަބުން ލިބޭ ގެއްލުމެއްގެ ޒިންމާ އެ މީހަކު އުފުލަންޖެހޭނެކަން އެންގުމާއެކު “ޓޭޒަރ ކުރަނީ” މިހެން މަދުވެގެން 3 (ތިނެއް) ފަހަރަށް ސާފުކޮށް އަޑުއިވޭވަރަށް ބުނުމަށް ފަހު ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.