- Advertisement -ad image

ރައީސް ސާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމަށް ބުނެ މެންބަރު ޝިޔާމް ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅިކަމަށް ބުނެ ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހައްޔަރުކޮށްފިއެވެ.
ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ސުލްޙަވެރި އިޙުތިޖާޖުގެ ބައިވެރިންގެ ތެރެއަށް މޮޓޯކޭޑް ވަދެގެން ދިޔަ ވަގުތަކީ ނާއިބު ރައީސް ޝިޔާމް އެސަރަހައްދުގައިވެސް ނެތް ވަގުތަކަށްވާއިރު، ޝިޔާމްގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ހައްޔަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިޔުރިޓީ ފެއިލްވުމުން އެކަމުގެ ޒިންމާއިން ރެކެން ދެއްކި ބަހަނާއެއްކަށް ނޫނީ ނުވާނެ ކަމަށެވެ.
އަދި ރޭ ކުރިއަށް ގެންދެވުނު ސުލްޙަވެރި އިޙުތިޖާޖު ނިންމާލުމަށްޓަކައި އިޙުތިޖާޖުގެ ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާއެކު ބައިވެރިންގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާނޭ ކަމެއް ކަމަށް ޤަބޫލެއް ނުކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި ޢަމަލެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތުކޮށްފައިވެއެވެ.
ޕީޕީއެމުންވަނީ މި މައްސަލަ މިނިވަން މުސްތަޤިއްލު ފަރާތަކުން މިހާރުން މިހާރަށް ލަސްނުކޮށް ތަޙުޤީޤުކޮށް އެ 2 މުއައްސަސާ އިސްލާޙު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

“ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް މުޠަލަޤަށް ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ޙައްޤެއްގެ ބޭނުން ކުރުން އެއީ ޖިނާޢީ ކުށެއްކަމަށް ކަނޑައެޅުމުގެ ބާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެއްވެސް ފަރާތަކަށް ދީފައިވާ ޙައްޤެއް ނޫނެވެ “ ޕީޕީއެމުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ރޭގެ އިޙުތިޖާޖުގެ ތެރެއިން ޖިނާއީ ކުށެއް ކުރި ކަމަށް ބުނެ ޙައްޔަރުކޮށްފައިވާ ޕީޕީއެމް ގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އަދި ސުލްޙަވެރި އެއްވުމުން ޙައްޔަރުކުރި 21 ބައިވެރިން އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް އެޕާޓީގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ