ހުޅުމާލެ އަކީ ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އާއްމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންހުޅުވާލައިފިއެވެ. .
އެޗްޑީސީން ހާމަކުރި ގޮތުގައި، ހުޅުމާލޭގައި މީހުން ދިރިއުޅޭ އެއްމެދު ގޯތިތަކުގެ ވަށައިގެންވާ ހުސް ޖާގަތަކުގެ ސާވޭއެއް އެ ކޯޕަރޭޝަނުން ވަނީ ކޮށްފައެވެ. އަދި މި ސާވޭއިން ފާހަގަކުރެވުނު ގޮތުގައި، އެ ތަންތަނުގައި ނުރަސްމީ ހަމަޔަށް ފެންސް ޖެހުމާއި، ބޯ ބިޔަ ގަސް ހައްދާފައި ހުރުމުގެ އިތުރުން އެއްގަމު އުޅަނދު ޕާކުކޮށްފައި ބެހެއްޓުމުގެ މައްސަލަތައް ވަރަށް ބޮިޑުކަމަށް އެޗްޑީސީން ބުނެއެވެ. މި ކަންކަމުގެ ސަބަބުން އާއްމުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން، ހުސްޖާގަތަކުގެ ފެން ހިންދާ ނިޒާމަށް ހުރަސް އެޅިގެންދާ ކަމަށް އެޗްޑީސީން ބުނެއެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި އެޗްޑީސީން ވަނީ ގަވައިދެއް އެކުލަވާލާފައެވެ. މި ގަވައިދުގެ މައިގަނޑު މަޤްސަދަކީ އަވައްޓެރިންނަށް ރައްކާތެރި، އަދި ތިމާވެއްޓާއި ރައްޓެހި މާހައުލެއް ގާއިމުކުރުމެވެ. އެހެންކަމުން، މި ޖާގަތައް ފަރުމާކުރުމުގައި އާއްމުންގެ ހިޔާލު ވަރަށް މުހިންމު ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެޗްޑީސީން ބުނީ، ހުޅުމާލެއަކީ އެންމެންނަށް ފަސޭހަ، އަދި ދިރިއުޅުމަށް އެންމެ އެކަށީގެންވާ ތަނަކަށް ހެދުމަށް އާއްމުންގެ ބައިވެރިވުން މުހިންމު ކަމަށެވެ.
މި ގަވައިދާ ގުޅޭގޮތުން ހިޔާލު ހުށައެޅުމަށްޓަކައި އެޗްޑީސީން ވަނީ ޚާއްސަ ފޯމެއް ތައްޔާރުކޮށްފައެވެ. އަދި ގަވައިދާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭ ލިންކެއް ވެސް ވަނީ އާއްމުކޮށްފައެވެ. އެޗްޑީސީން އާއްމުންގެ ކިބައިން އެދިފައިވަނީ ހުޅުމާލެއަކީ ހިތްފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެ ކުންފުންޏާ ބައިވެރިވުމަށެވެ.



