މުދާ ހަލާކުވަންދެން ބަހައްޓަ، އެތަކެތި އުކާލުމަކީ އިސްރާފުކުރުމަށްވުރެވެސް ނުބައި ކަމެއް ކަމަށާއި އިސްރާފުކުރުމަކީ ޝައިތާނާގެ އަމަލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ” އިސްރާފު ކުރުމަކީ ނިއުމަތްތަކަށް ކުފުރުވުމެވެ “
އިސްރާފު ކުރުމަކީ އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީ ގޮތުން ފަރުދުންނާއި މުޖުތަމައަށް ފޯރާނެ ކަމެކެވެ.
“ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ މުދަލާއި ކާއެއްޗެހި އުކާނުލައި، އެތަކެތި ބޭނުން ކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. އެތަކެއްޗަކީ ﷲ ގެ ނިއުމަތްތަކެވެ. މި ތަކެތި އުކާލުމަކީ ނިއުމަތުގެ ވެރިފަރާތަށް ޝުކުރު ނުކުރުމެވެ”. ހުތުބާގައި ބުނެފައިވެއެވެ.
ހެޔޮގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި، އޭގެ ހައްގު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުމަކީވެސް އިސްރާފު ކުރުން ކަމަށާއި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ” އެކަލާނގެއީ ފެތުރޭ ވެޔޮތަކާއި ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ ހާލު، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރުވެގެންވާ ހާލުގައްޔާއި، އެއްވައްތަރުވެގެން ނުވާހާލުގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަނލާގެއެވެ. އެގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާން ކަނޑާ ދުވަހަކުން، އޭގެ ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން އިސްރާފު ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.” ހަމައެފަދައިން ފޭރާމާއި، ހިފާ ގެންގުޅޭ ތަކެތި ހިސާބަށްވުރެ ގިނަ ކުރުމަކީ ވެސް އިސްރާފު ކުރުމެވެ.
ﷲ ދެއްވި ނިއުމަތްތަކުން އިސްރާފު ކުރުމަކީ، އެކަލާނގެ ރުހިވޮޑިގެންވާ ކަމެއްނޫނެވެ. އަހަރެމެންގެ އުމުރާ ވަގުތު ބޭނުންކުރަންވާނީ ﷲ ސުބުހާނަހޫ ވަތައާލާ ރުއްސަވާ ގޮތުގައެވެ. ނޫންނަމަ ގިޔާމަތް ދުވަހުން އަހަރުމެންނާއި ސުވާލު ކުރެވޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
” މާތް ﷲ ދެއްވާފައިވާ ތަނަވަސްކަމުން އިސްރާފު ކުރުމުގެ ބަދަލުގައި، ދީލަތިވާށެވެ. ނިކަމެތީންނަށް ހެޔޮ ފޯރުވާށެވެ! ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. އެންމެ ހެޔޮ އަމަލަކީ ތިބާގެ މުއުމިނު އަހާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ފަދަ ކަމެއް ކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާއަށް ރޮށްޓެއްގެ މިންވަރު ނަމަވެސް ކާންދިނުމެވެ “. ހުތުބާގައި ބުނެފައިވެއެވެ.