މާލޭގެ ބޮޑު ބައެއްގައި މިއަދު ފެންބޮޑުވީ ސްޓޯމް ވޯޓަރ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަންޕުތައް ނުޖައްސާ ހުރުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްޓޯމް ވޯޓަރ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަމްޕުތައް ސުވިޗް އޮންނުކޮށް ގިނައިރުތަކެއް ވެގެން ދިއުމަކީ ދެރަކަމެއް ކަމަށެވެ.
މޭޔަރު ވިދާޅުވީ ވާރޭވެހުނުތާ ގިނައިރުތަކެއްވީ ނަމަވެސް އަދިވެސް ފެންގަނޑު ނުހިނދި ވަނީ ސްޓޯމް ވޯޓާ ސިސްޓަމް ނުޖައްސާތީ ނުވަތަ ފެންގަނޑު ހިންދަން މަސައްކަތް ނުކުރާތީ ކަމަށެވެ.
އަދި މާލޭގެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަޝްރޫއުވެސް އަނބުރާ ގެންދިއުމުގެ ސަބަބުން މަގުތައް ވެސް ވަނީ ނުހެދިފައި ކަމަށެވެ.
މިއަދު ހެނދުނު މެދުނުކެނޑި މާލެއަށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މާފަންނުގެ ބޮޑުބައެއްގައި ވަނީ ފެންބޮޑުވެފައެވެ.