އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުން މީހެއްގެ ލޮލުން އެފްރިކަން އައިވޯމްއެއް ނެގުމަށް ކާމިޔާބު އޮޕަރޭޝަނެއްކޮށްފިއެވެ.
އެފްރިކަން އައި ވޯމް ނުވަތަ “ލޮއިއޭސިސް” އަކީ ޕެރަސައިޓް ފަންޏެއް ކަމަށްވާ ލޮއަ ލޮއާގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. އެއީ އެފްރިކާއިން ނޫނީ ވަރަށް މަދުން ފެންނަ އެއްޗެކެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އެފްރިކަން އައިވޯމް ފެނިފައި ވަނީ އެ ހޮސްޕިޓަލަށް ދެއްކި ބިދޭސީ ފިރިހެނެއްގެ ލޮލުން ކަމަށެވެ. އޭނާ ޑޮކްޓަރަށް ދެއްކީ ލޯ ރަތްވެ، ހިރުވާ، އެއްޗެއް ލޮލުގައި އުޅޭ ކަހަލަ އިހުސާސެއް ކުރެވޭތީކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އެމީހާ އެފްރިކަން އައި ވޯމްއަށް ޑައިގްނޯސްކޮށްފައި ވަނީ ބަލިމީހާގެ ލޮލުގެ ފެން ފަށަލައިން އެ ފަނި ފެނުމުންނެވެ. އަދި އޮޕަރޭޝަންކޮށް ފަނި މިހާރު ވަނީ ނަގާފައެވެ. އެ ހޮސްޕިޓަލުން ބުނީ، ބަލިމީހާއަށް ދޭންޖެހޭ އިތުރު ފަރުވާވެސް ދެމުން އަންނަކަމަށެވެ.
ލޮއޭސިސް ނުވަތަ އާންމުކޮށް ކިޔާ ނަމުންނަމަ އެފްރިކަން އައި ވޯމްއަކީ ޕެރަސައިޓް ފަންޏެއް ކަމަށްވާ ލޮއަ ލޮއާގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. މި ބަލި ޖެހެނީ އިންފެކްޓްވެފައިވާ ޑިއާ ފްލައިސް ކިޔާ ސުއިއްޕެއް ދަތް އެޅުމުންނެވެ. ޑިއާ ފްލައިސް އިންފެކްޓް ވަނީ މި ބަލި ޖެހިފައިވާ މީހެއްގެ ގައިން ލޭ ބޮއެގެންނެވެ.