އަންގާރަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައި ގަންނަން ފަށާނެ ކަމަށް އިސްލާމިކް މިިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލްގެ ސަލާޙުއްދީން ހޯލުގައެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް، މެންދުރުފަހު 13:00 އިން 15:15 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.
އިސްލާމިކް މިނިސްޓްރީން އެންމެފަހުން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގެ ހޯލުންވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ. ފައިސާއިން ޒަކާތް ދެއްކުން ކުރިއަށްދާނީ ރަމަޟާންމަހުގެ 27 ވަނަ ދުވަހާހަމައަށެވެ.