ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އޮޅިވަޑައިގެން ޓައިވާނަށް ސަފީރަކު އައްޔަން ކުރަން މަޖިލީހަށް ފޮނުވުނު މައްސަލާގައި މާފަށް އެދެފިއެވެ.
ޓައިވާނަށް ދިވެހިރާއްޖެއާ ހާރިޖީ ގުޅުން ނެތް އަދި މިނިވަން ގައުމެއްގެ ގޮތުގައި ނުދެކޭ ގައުމެކެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލިޒިން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ ހިނގި ގޮތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ޗައިނާގެ އޮފިޝަލުންނަށް ތަފުސީލުކޮށްދީ، މައާފަށް އެދިފައިވާ ކަމަށެވެ. އަދި ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ޒަމާނީ ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ރައީސް ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ “ރިޕަބްލިކް އޮފް ޗައިނާއަށް” ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހުދާ އަލީ ޝަރީފް އައްޔަން ކުރުމަށް ގަސްދުކުރާތީ، އެބޭފުޅާ ސަފީރުކަމަށް ހަމަޖެއްސުމާ މެދު މަޖިލީހުން މަޝްވަރާކޮށް ގޮތެއް ނިންމައިދިނުމަށް އެދިފަ އެވެ.
ރިޕަބްލިކް އޮފް ޗައިނާއަކީ ޓައިވާނެވެ. “ވަން ޗައިނާ ޕޮލިސީ” ގެ ދަށުން ދުނިޔޭގެ ގިނަ ގައުމުތައް ހިމެނޭ ގޮތަށް ރާއްޖެއިންވެސް ގަބޫލު ކުރާ ގޮތުގައި އޮންނަނީ އެންމެ ޗައިނާއެކެވެ. އެއީ “ޕީޕަލްސް ރިޕަލްބިލް އޮފް ޗައިނާ” އެވެ.
އަދި ރާއްޖެ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުން ޓައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައި ނުދެކޭ އިރު، ޗައިނާއިންވެސް ބުނާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. އެހެންކަމުން ޓައިވާނާ ސިޔާސީ ގުޅުން ގާއިމުކުރަން މަސައްކަތް ކުރުމަކީ ޗައިނާއިން ރުހޭ ކަމަކަށް ނުވާނެ އެވެ.