ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިއުލާން ކުރުމަށްފަހު އިލެކްޝަންސްގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ އުސޫލަށް ލުޔެއް ދީފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ގަވައިދުގައި މީގެކުރިން ބުނެފައި އޮންނަ ގޮތުން އިންތިޚާބެއް ބާއްވަން އިޢުލާނު ކޮށްފައިވަނިކޮށް އެއްވެސް މުވައްޒަފަކަށް ޗުއްޓީއެއް ނުދެވޭނެއެވެ. އެހެން ނަމަވެސް އެ މުވައްޒަފަކަށް ކުރިމަތިވާ ހާއްސަ ޟަރޫރީ ހާލަތެއްގައި ދޭންޖެހޭ ޗުއްޓީ މިއިން އިސްތިސްނާ ވާނެ ކަމަށް ވެސް ގަވައިދުގައި ކުރިން ބުނެފައި އޮވެއެވެ.
އަދި އިލެކްޝަންސް ކޮޮމިޝަނުން ރާވައިގެން ބާއްވާ ބޮޑެތި މަސައްކަތްތަކެއް ހިނގަމުންދާ ދުވަސްވަރެއްގައި ވެސް ކޮމިޝަނުން އެ ހާއްސަ މަސައްކަތާ ގުޅިގެން، މަސައްކަތް ހަވާލުކޮށްފައިވާ މުވައްޒަފުންނަށް ދޭންޖެހޭ އަހަރީ ޗުއްޓީ ދެވޭނީ ވެސް ކޮމިޝަނުން ފާސްކޮށްގެން ކަމަށް ކުރިން ގަވައިދުގައި ބުނެފައި އޮވެއެވެ.
އެމާއްދާތަކަށް ގެނައި ބަދަލުގައި ބުނެފައި ވަނީ އިންތިޚާބެއް ބާއްވަން އިޢުލާނު ކޮށްފައި ވަނިކޮށް، އެއްވެސް މުވައްޒަފަކަށް ޗުއްޓީއެއް ލިބިދެވޭނީ، ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ މަތީން ކަމަށެވެ. ކޮމިޝަނުން ރާވައިގެން ހިންގާ ބޮޑެތި މަސައްކަތްތައް ހިނގަމުންދާ ދުވަސްތަކުގައ،ި އެކަމަށް ހާއްސަ މުވައްޒަފުންގެ އަހަރީ ޗުއްޓީ ލިބިދެވޭނީ ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ މަތީން ކަމަށް ވެސް އެ ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައި ވެއެވެ.



