މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަށް ވޯޓުލުމަށް ރީ-ރެޖިސްޓްރީކުރި މީހުން، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި މާލޭގައި ވޯޓުލާނަމަ އަލުން ރީ-ރެޖިސްޓްރީވާން ނުޖެހޭގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ، އުފަން ރަށް ނޫން އެހެން ތާކަށް ވޯޓުލާ ކޮންމެ މީހަކު ރީ-ރެސްޖިޓަރވާން ޖެހޭގޮތަށެވެ.
“ރިޔާސީ އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީން” ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޕާޓީތަކާއި އެކިއެކި މުވައްސަސާތަކުން ވަނީ، ރީ-ރެޖިސްޓްރޭޝަންގެ ކަންކަން ވީހާވެސް ލުއިވާނެ ގޮތަކަށް ކުރިއަށްގެންގޮސްދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފައެވެ.
އާއްމު ޢުސޫލު އޮންނަގޮތުން، ކޮންމެ އިންތިޚާބެއްގައިވެސް އެމީހަކު އުފަން ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާނަމަ އެތަނަކަށް ރަޖިސްޓްރީވާންޖެހެއެވެ.
ޤައުމީ ކޮމިޓީގެ މެންބަރުންނާ ޕާޓީތަކުން ހުށައެޅި ލަފާގެ މައްޗަށް ބިނާކޮށް، އިލެކްޝަންސް ކޮމިޝަނުން މިވަނީ، “ލޯކަލް ކައުންސިލް އިންތިޚާބު 2020″ގައި މާލެއަށް ރީ-ރެޖިސްޓްރީކުރި މީހުންގެ ލިސްޓު އެގޮތުގައި ބޭއްވުމަށް ނިންމަވާފައެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކާ ރީ-ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިފަހަރު އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތުވެސް ހުޅުވާލުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އިލެކްޝަނުން ބުނީ މިގޮތަށް ނިންމީ، ގިނަބަޔަކަށް ފުރުޞަތުދީ ރަޖިސްޓްރޭޝަން ޕްރޮސެސް ވީހާވެސް ފަސޭހަކޮށްދިނުމަށްކަމަށެވެ.



