މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ހުރިހާ ކެންޑިޑޭޓުން އިންތިޚާބުގެ ޚަރަދުތައް ކުރުމަށްޓަކައި ހާއްސަ ބޭންކް އެކައުންޓެއް ހުޅުވަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ. އެގޮތުން ހަބީބު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އެކަމަށް ޚާއްޞަކުރާ ބޭންކް އެކައުންޓެއް (އަލަށް ހުޅުވާ އެކައުންޓެއް) ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި، ކެންޑިޑޭޓުގެ ނަމުގައި، ހުޅުވަންވާނެ ކަމަށެވެ. މިއާއިއެކު ރިޔާސީ އިންތިޚާބުގެ ކޮންމެ ކެންޑިޑޭޓަކުވެސް، އިންތިޚާބާ ގުޅިގެން ކުރާ އެންމެހައި ޚަރަދެއް ކުރަންވާނީ، އަލަށް މި ހުޅުވާ ބޭންކް އެކައުންޓް މެދުވެރިކޮށް ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ. އަދި ކެންޑިޑޭޓަށް އިންތިޚާބާ ގުޅިގެން، ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ، އަލަށް ހުޅުވާ މި އެކައުންޓަށް ކަމަށް ހަބީބު ވިދާޅުވިއެވެ. މީގެ އިތުރުން މި ފަދަ އެކައުންޓެއް ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން، ފަސޭހައިން ހުޅުވޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އީސީ އިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އެކީގައި މަޝްވަރާ ކުރައްވާފައި ކަމަށް ހަބީބު މައުލޫމާތު ދެއްވިއެވެ. އަދި ބޭންކްތަކާއި ވާހަކަ ދައްކައިގެން، މި އިންތިޒާމް ހަމަޖައްސަވައިދެއްވާނޭކަމުގައި އެމްއެމްއޭއިން ވަނީ ވިދާޅުވެފައި ކަމަށް ހަބީބު ވަނީ ފާހަގަކުރައްވާފައެވެ.



