ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށްތަކަށް ވޯޓުލާން ރީ ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހު 16 ވަނަ ދުވަހު ހުޅުވާލަން އިލެކްޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ މަސައްކަތް 16 ޖުލައިގައި ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރީ ރެޖިސްޓްރޭޝަންގެ މަސައްކަތް ދެ ގޮތަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން އެއް ގޮތަކީ ފޯމު ހުށަހަޅައިގެން ރީ ރެޖިސްޓްރީ ކުރުމެވެ. އަދި އޮންލައިންކޮށް ޕޯޓަލްއެއް މެދުވެރިކޮށް ވެސް ރީ ރެޖިސްޓްރީ ކުރެވޭނެއެވެ.
އެ ޕޯޓަލްގައި ރަޖިސްޓްރީ ކުރާއިރު ލައިވް ފޮޓޯއެއް ދޭން ޖެހޭނެ ކަމަށާއި އަދި އައިޑީ ކާޑާއި އެހެނިހެން މައުލޫމާތު ފުރާފައި ހުށަހެޅުމުން މައުލޫމާތުތައް ޗެކުކޮށްފައި ބަލައިގަތުމުން ރީ ރަޖިސްޓްރީވެގެންދާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.
ރީ ރަޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ހުޅުވާލާ އިރު އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭނީ މި މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ.
ފުވާދު އިތުރަށް ވިދާޅުވީ މި ފަހަރު މާލޭގައި އުޅޭ ފަރާތްތަކުން ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ ފަރާތްތަކަށް ހުޅުމާލެ ނޫނީ މާލޭގައި ވެސް ރީ ރަޖިސްޓްރީކޮށްގެން ވޯޓު ލެވިދާނެ ކަމަށެވެ.



