މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލާފިއެވެ.
ރީ-ރަޖިސްޓްރީވުމަށް މިފަހަރު ހުޅުވާލައިފާ ވަނީ އޮންލައިކޮށާއި، ފޯމު ހުށަހަޅާއިގެންނެވެ. މިއީ ރިޔާސީ އިންތިޚާބެއްގައި އޮން-ލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. އިލެކްޝަންސް ކޮމިޝަނުން އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލައިފާވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހަށެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަންޖެހޭނީ އެކަމަށް ތައްޔާރުކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ.
މިއަދު ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފާވާއިރު، 2020 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްރަށުން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް، އަލުން ރީ-ރަޖިސްޓްރީވާން ނުޖެހޭނެއެވެ. އެހެންނަމަވެސް، މާލޭގައި އުޅޭ މީހުން އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާނަމަ ރީރަޖިސްޓްރީ ވާން ޖެހޭނެއެވެ.
މި މަހުގެ 31 ވަނަ ދުވަހަށްފަހު، ރީރަޖިސްޓްރީ ވެވޭނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް ފޯމު ހުށަހަޅާއިގެންނެވެ. އެގޮތުން މާލޭގައި، އިންތިޚާބައި ބެހޭ މައި މަރުކަޒު ދަރުބާރުގެއަށް ފޯމު ހުށަހެޅޭއިރު، ރަށްރަށުގައި ނަމަ އެ ރަށެއްގައި ހުރި އިލެކްޝަންސް ކޮމިޝަންގެ ފޯކަލް ޕޮއިންޓަށް ފޯމު ހުށަހެޅޭނެއެވެ. ފޯމު ހުށަހަޅާއިގެން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އޮގަސްޓް 5 އަކާއި ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް، މީހަކަށް ފަހަރަކު ހުށަހެޅޭނީ 10 ފޯމު ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ ރަސްމީ މުއައްސަސާއެއް ހިއްސާވާގޮތަށް، ފޯމު ހުށަހަޅާނަމަ، އެ ތަނެއްގެ ތައްގަނޑާއި، ރަސްމީ ސިޓީ އަކާއެކު، ފަހަރަކު 100 ފޯމު ހުށަހެޅޭނެކަމަށްވެސް، އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.
ރިޔާސީ އިންތިހާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓް އަދި (VR space ID.No Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކު ކުރެވޭނެ އެވެ.



