ދިވެހިރާއްޖެއަށް އިންޑިއާ އިން ކަނޑައަޅުއްވާފައި ހުންނަ ސަފީރު މަނޫ މަހާވަރު އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ކޮން ކަންތައްތަކަކާއި ގުޅޭގޮތުން ކަމެއް އިލެކްޝަނުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. އިލެކްޝަނުން ކުރި ޓުވީޓެއްގައި ހަމައެކަނި ބުނެފައިވަނީ
ފުއާދު އާއި ސަފީރު މަހާވަރު މަޝްވަރާ ކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮބްޒާބް ކުރުމާއި ގުޅޭ ގޮތުން ކަމަށެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު އިންޑިއާ ސަފީރު މަހާވަރު އާއި ބައްދަލު ކުރުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް އޭރު އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރި މައްސަލަ ވަރަށް ހޫނުވިއެވެ. އޭރުވެސް ކޮމިޝަންގެ ރައީސަކަށް ހުންނެވީ ފުއާދު އެވެ.



